ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުން، މާލީ ބަޔާން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑި ފާއިތުވުމަށްފަހު ވެސް އެ ބަޔާން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފިއެވެ.
ވޭތުވެދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކޮށްފައި ވެއެވެ. އެ ކެންޑިޑޭޓުންގެ ތެރެއިން އެންމެން ވެސް ގާނޫނުގައިވާ ގޮތުގެ މަތިން އެ ބޭފުޅުންގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެ އެވެ. މި ފަހަރުގެ އިންތިޚާބަށް މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވީ މިދިޔަ ބުދަ ދުވަހުގެ ދަންވަރު 12:00 ގައެވެ.
އެ ސުންގަޑި ހަމަވިއިރު 320 ކެންޑިޑޭޓުން އެ ބޭފުޅުންގެ މާލީ ބަޔާން އީސީ އަށް ހުށަހަޅުއްވާފައިވާކަމަށް އެ ކޮމިޝަނުން ބުންޏޭވެ. އެހެންނަމަވެސް، ސުންގަޑި ހަމަވުމަށްފަހު ވެސް ބައެއް ކެންޑިޑޭޓުން ބަޔާން ހުށަހަޅުއްވާފައިވާކަމަށް އީސީން ވަނީ ފާހަގަކުރައްވާފަ އެވެ. އެ ބަޔާންތައް ހުށަހެޅި އެންމެ ފަހުގެ ސަބަބުތައް އަދި އެނގިފައެއް ނުވެ އެވެ.
ގާނޫނު ތަންދޭ ގޮތުގެ މަތިން، މި ފަދަ ހާލަތްތަކުގައި އިލެކްޝަންސް ކޮމިޝަނަށް ވަކި އުސޫލުތަކެއް ކަނޑައެޅިދާނެއެވެ. އެގޮތުން، އެ ކެންޑިޑޭޓުންނާ މެދު ޢަމަލުކުރާނެ ގޮތެއް ކޮމިޝަނުން ނިންމައި ޢާންމުކުރާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
މާލީ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތުތައް ފުރިހަމަނުވުން ނުވަތަ އެއީ ދޮގު މައުލޫމާތުކަން ސާބިތުވެއްޖެ ނަމަ، އެ ފަރާތްތަކަށް ޖޫރިމަނާ އެއް ކަނޑައެޅުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވެއެވެ. އެ ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އަދަދަކީ 72،000 ރުފިޔާ އެވެ.