ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ޖުމްލަކޮށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިޒާމުތައް ރަނގަޅު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ޓްރާންސްޕޭރަންސީގެ އޮފިޝަލުން ގެންދަނީ 205 ވޯޓު ފޮށްޓެއް އޮބްޒާވް ކުރަމުން ކަމަށް އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ 96 ޕަސަންޓް ވޯޓް ފޮށީގެ ސިއްރުކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ފޮށިތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރަން ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ފާހަގަކުރިއެވެ. ނަމަވެސް ހަތަރު ޕަސަންޓް ވޯޓު ފޮށީގައި ސިއްރުކަން ކަށަވަރުކުރަން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ބުންޏެވެ.
މި އިންތިހާބުގައި ޖުމްލަ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށް، އެކުޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
މިއަދު ހަވީރު 5:30 އާއި ހަމައަށް ވޯޓުލުމުގެ ފުރުސަތު އޮތް އިރު، ވީހާވެސް އަވަހަށް ވޯޓުލާ ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.