ޗައިނީޒް ސުޕަރ ލީގްގައި ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރ ފެލައިނީ އަށް ވެސް ކޮވިޑް19 ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ. މިއީ ޗައިނީޒް ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިޔަކަށް ކޮވިޑް19 ޖެހުނު ފުރަތަމަ ފަހަރެވެ.
ޗައިނާގެ ޔިނާން ޕްރޮވިންސްގެ ސިއްހަތާއި ބެހޭ އިދާރާއިން ވަނީ ފެލައިނީ ކޮވިޑް19 އަށް ޕޮޒިޓިވް ވިކަން ކަށަވަރުކޮށްދީފައެވެ. ފެލައިނީ ކޮވިޑް19 އަށް ޕޮޒިޓިވް ކަން އެނގުނީ ރޭލުގައި ޔިނާން ޕްރޮވިންސަށް އައުމުން ހެދި ޓެސްޓަކުންނެވެ.
މެންޗަސްޓަރ ޔުނައިޓެޑާއި އެވަޓަން އަށް ކުރިން ކުޅުނު ފެލައިނީ މިހާރު ކުޅެނީ ޗައިނީޒް ސުޕަރ ލީގުގެ ޝަންޑޮން ލުނެން އަށެވެ. އުމުރުން 32 އަހަރުގެ ފެލައިނީ ޗައިނީޒް ލީގުގައި ކުޅެން ފެށީ މިދިޔަ އަހަރުއެވެ. އެ އަހަރުގެ ލީގުގައި އޭނާ 13 ލަނޑު ޖެހިއިރު ޝަންޑޮން ލުނެން އަށް ލިބުނީ ތާވަލްގެ 5 ވަނައެވެ.
ފެލައިނީ ކޮވިޑް19 އަށް ޕޮޒިޓިވް ވި ނަމަވެސް ޗައިނާގައި އެ ވައިރަހުގެ ހާލަތު މިހާރު ވަނީ ރަނގަޅުވާން ފަށާފައެވެ. އެގޮތުން އެ ގައުމުން ކޮވިޑް 19 ޖެހޭ މީހުންގެ އަދަދު ވެސް ދަނީ މަދުވަމުންނެވެ.
ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުޓްބޯޅަ ލީގުތައް ވަނީ މެދުކަނޑާލަފައެވެ.