ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގައި ފްލޫ ކްލިނިކެއް ގާއިމްކޮށް ހުންއައުމާއި އަރިދަފުސްރޯގާ ފަދަ ބަލިތަކަށް ފަރުވާ ދޭން ފަށައިފިއެވެ.
އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކުރީގެ ޕަބްލިކް ހެލްތް ޔުނިޓްގައި ހުޅުވި މި ކްލިނިކަކީ އައްޑޫގައި އެކުލަވާލެވިފައިވާ ކޮވިޑް-19 އެމަޖެންސީ ރެސްޕޮންސް ޓާސްކްފޯހުން ގާއިމް ކޮށްފައިވާ ކްލިނިކެކެވެ.
އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލާއި ވަކިން ހެދި މި ފްލޫ ކްލިނިކުން ޚިދުމަތް ހޯދަން އަންނަ ބަލިމީހުން އިތުރަށް ތަޙްލީލުކޮށް ޢާއްމު ރޯގާތަކަށް ވެކްސިން ޖަހައިދިނުން ފަދަ ކަންތައް ތައް ކުރުމުގެ އިތުރަށް އެމެޖެންސީ ނުވަތަ އެހެނިހެން ފަރުވާ ދޭންޖެހޭ ފަރާތްތައް ވަކިކޮށް ބައްޔާއި މެދު ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.
މިއީ ކޮވިޑް 19 ގެ ޕޮޒިޓިވް ކޭސް ތަކެއް ރާއްޖޭންވެސް ފެނިފައިވުމާއެކު މި ނުރައްކާތެރި ބަލިން ޤައުމު ސަލާމަތްކޮށް މިބަލި ފެތުރުނަ ނުދިނުމަށް ބާރު އަޅާ އެކަމަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި ޤާއިމް ކުރެވުނު ކްލިނިކެކެވެ.
Opening of Addu City’s Flu Clinic for patients with symptoms of fever, cold and, cough. Our Flu Clinic is located in HRH, the building formerly known as Public Health Unit. #COVID19 #coronavirus @MoHmv @AdduCityCouncil @HPA_MV @maldivianrc @FaisalNasym @ameenex pic.twitter.com/QnUpYuB7qn
— Addu Equatorial Hospital (@aeh_mv) March 21, 2020
ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. މެންދުރުފަހު ހުޅުވާ ގަޑިއަކީ 2ން ހަވީރު 6 ޖެހުމާ ހަމައަށެވެ. އަދި ރޭގަނޑު 7 އިން 10.30 އަށް ކްލިނިކުން ޚިދުމަތް ލިބެމުން ދާނެއެވެ.
އައްޑޫއީކުއެޓޯރިއަލް ހޮސްޕިޓަލުންވަނީ ހުންއައިސް،ކެއްސާ،ކިނބިހިއެޅުމާއެކު ރޯގާގެ އަލާމާތެއް ފެންނަ ނަމަ ފްލޫ ކްލިނިކަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ރާއްޖޭން ބޭރަށް ފަހުގެ ތާރީޚެއްގައި ދަތުރެއް ކޮށްފައިވާ މީހަކު ރޯގާގެ ޢަލާމާތެއް ފެނިއްޖެ ނަމަ ކްލިނިކަށް އައުމުގެ ބަދަލުގައި 6884973 ނަމްބަރަށް ގުޅުމަށް އެދިފައި ވެއެވެ.
ކޮވިޑް 19 ޖެހިގެން ރާއްޖެއިން މިހާތަނަށް ބިދޭސީ 13 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. އޭގެ ތެރެއިން 3 މީހަކުވަނީ މިބަލިން ފަސޭހަ ވެފައެވެ. ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން ވަނީ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހަށް އިޢުލާން ކޮށްފައެވެ. މި މުއްދަތުގެ ތެރޭ ސަރުކާރު ގެ އޮފީސްތައް އެއް ހަފްތާއަށް ބަންދުކޮށް ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ އިތުރަށް ރިސޯޓްތަކަށް އަރާ ފޭބުން ފަދަ އެތައް ކަމެއް ވަނީ މަނާކޮށް ޢާއްމުންވެސް ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް ގޮވާލާފައެވެ.