ކޮވިޑް19 އާއި ގުޅިގެން ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ބޮލީވިއާގެ ރިޔާސީ އިންތިޚާބު ފަސްކޮށްފިއެވެ.
އާބާދީގައި 11.5 މިލިއަން މީހުން ދިރިއުޅޭ ބޮލީވިއާ އިން ރިޔާސީ އިންތިޚާބު ފަސްކުރަން ނިންމިއިރު އެ ގައުމުން މިހާތަނަށް 90 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް19 ޖެހިފައެވެ.
ބޮލީވިއާގައި އާއްުމު އިންތިޚާބު ބާއްވަނީ ކުރީގެ ރައީސް އީވޯ މޮރާލެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެެވެ. މެއި މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފައި އޮތް އާއްމު އިންތިޚާބު ދެން ބާއްވާނެ ދުވަހެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ބޮލީވިއާގެ ޤާނޫނު ބުނާ ގޮތުން އިންތިޚާބު ފަސްކުރުމަށް އެ ގައުމުގެ ޤާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ.
ދެކުނު އެމެރިކާގެ ފަސް ވަނަ އަށް އެންމެ ބޮޑު ގައުމު ކަމުގައިވާ ބޮލީވިއާ އިން ކޮވިޑް19 އާއި ގުޅިގެން އިންތިޚާބު ފަސްކުރިއިރު އެ ބައްރުގެ ގާތްގަނޑަކަށް ހުރިހާ ގައުމަކުން ވެސް ވަނީ ކޮވިޑް19 ފެނިފައެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑް19ގެ ކޭސްތައް ފެނިފައިވަނީ ބޮލީވިއާގެ އަވަށްޓެރި ބްރެޒިލުންނެވެ. އެގައުމުން 971 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެެވެ.
ކޮވިޑް19 އަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާއިރު އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3 ލައްކައާއި ގާތްކޮށްފައެވެ.