English Edition
Dhivehi Edition

އިރުމަތީ އޭޝިޔާގެ ގައުމެއް ކަމުގައިވާ ވިއެޓްނާމަށް ބިދޭސީން އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފިއެވެ. މިއީ ކޮވިޑް19 ކޮރޯނާ ވައިރަސް ވިއެޓްނާމުގައި ފެތުރުން ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން އެޅި ފިޔަވަޅެކެވެ.

ވިއެޓްނާމްގެ ސަރުކާރުން ބުނެފައިވާގޮތުގައި މި ފިޔަވަޅު އެޅި ނަމަވެސް ޚާއްސަ ހާލަތްތަކުގައި އެ ގައުމަށް ކޮންމެހެން އެތެރެވާން ޖެހޭ މީހުންނަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެތެރެވެވޭނެ އެވެ. އެހެން ނަމަވެސް ޑިޕްލޮމެޓުން ވެސް ހިމެނޭ ގޮތަށް ޚާއްސަ ހާލަތްތަކުގައި އެތެރެވާ އެންމެން ވެސް 14 ދުވަހަކަށް ކަރަންޓީން ކުރާ ގޮތަށް ވިއެޓްނާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ވިއެޓްނާމު ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑްއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ކާމިޔާބުކޮށް ދިޔަ ނަމަވެސް އެގައުމުގައި ބަލި ފެތުރިދާނެ ހާލަތަކަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވާނެއެވެ.

ވިއެޓްނާމުން މިހާތަނަށް ކޮވިޑް19 ޖެހިފައިވަނީ 94 މީހަކަށެވެ. އަދި އެ ވައިރަސް ޖެހިގެން އެ ގައުމުން އެއްވެސް މީހަކު މިހާތަނަށް މަރުވެފައެއް ނުވެއެވެ.

ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ވަނީ އިރުމަތީ އޭޝިޔާގެ ގައުމުތަކުންނެެވެ. އެގޮތުން އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކުގައި އެހާ ހަލުވިކޮށް އެ ވައިރަސް ފެތުރެމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް 19 އަށް އަަދި ސީދާ ފަރުވާއެއް ހޯދިފައި ނުވާއިރު ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.