English Edition
Dhivehi Edition

ކޮވިޑް-19 އިން ސަލާމަތްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސް ނެންގެވުމަކަށް ސާކް ގައުމުތަކުން ހުޅުވަން ނިންމި އެމަޖެންސީ ފަންޑަށް ދިވެހި ސަރުކާރުން 2 ލައްކަ އެމެރިކާ ޑޮލަރު (ތިން މިލިއަން ރުފިޔާ) ދޭނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ވެރިން މަޝްވަރާ ކުރެއްވުމަށް މިދިޔަ ހަފްތާގައި ބޭއްވި ވީޑިއޯ ކޮންފަރެންސްގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ފަންޑު އުފައްދަވަން ނިންމެވިކަން އިއުލާން ކުރައްވާފައެވެ. އަދި މި ފަންޑަށް އިންޑިއާއިން 10 މިލިއަން ޑޮލަރު ޖަމާކުރައްވާނެކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ މި ފަންޑަށް ފައިސާ ޖަމާކުރައްވާނެކަން ހާމަކުރެއްވި ސާރކްގެ ދެވަނަ ގައުމެވެ. މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވެވި ޓްވީޓްގައި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނެންގެވުމަށް މަރުހަބާ ދަންނަވާ ކަމަށާއި މި އިސްނެންގުވުމަށް ދިވެހިރާއްޖެއިން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެ ފަންޑަށް 2 ލައްކަ ޑޮލަރު (3،084،00 ތިން މިލިއަން އަށްޑިހަ ހަތަރު ހާސް ރުފިޔާ) ޖަމާކުރައްވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން އެ ފަންޑަށް ދެ ލައްކަ ޑޮލަރު ހަދިޔާ ކުރަން ނިންމާފައި ވަނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށް ވެސް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސާރކް އެމަޖެންސީ ރިލީފް ފަންޑެއް ގާއިމް ކުރެއްވުމަށް މޯދީ ހުށަހެޅުއްވުމުން މޯދީގެ މި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަފްގާނިސްތާނާއި ބޫޓާނުން ވެސް ވަނީ ތާއިދުކޮށް މަރުހަބާ ދަންނަވާފައެވެ.