މާފުށީ ޖަލުގައި ތިބި ގައިދީން ގިނަ ޝަކުވާތަކާއެކު ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަމުން އެބަދެއެވެ.
ބުދަ ދުވަހުގެ މެންދުރުން ފެށިގެން ޔުނިޓް 4 ގެ 30 ގޮޅީގައި ހަޅުތާލު ކުރަމުންދާ ގައިދީންގެ ޝަކުވާއަކީ އަސާސީ ހައްގުތަކާއި ބޭސްފަރުވާ އިން ގައިދީން މަހްރޫމް ވެފައި ތިބުމާއި އަނިޔާކުރުމާއި ލާއިންސާނީ ޢަމަލުތައް ހިންގުން އިތުރުވެ ޢާއިލީ ބައްދަލުވުންތަކުން މަޙުރޫމް ވެފައި ވުމެވެ. އަދި މިއާއެކު ރިމާންޑް ޖަލުގައި ވާ އެތައް ގައިދީންނަކީ ޝަރީޢަތް ނިމެންދެން މުއްދަތެއް ނެތި ވާނުވާ ޖަހާފައިވާ ބައެއްކަމުން ޝަރީޢަތުގެ މަރްޙަލާ ކުރިއަށް ނުގެންގޮސް ލަސްކުރާ މައްސަލައާއި ކޮވިޑް-19 އާއި ގުޅިގެން މިވަގުތަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގައިދީންނަށް ބޭނުންވާ ޒަރޫރީ ކަންކަން ފަހިވެފައި ނެތުމުގެ ޝަކުވާ ތަކެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ ގައިދީންނާއި އޮފިސަރުންނާއި ދެމެދު ބޮޑެތި ހަމަނުޖެހުންތައް ހިނގާފައެވެ. މި ހަމަނުޖެހުންތަކުގައި ގައިދީންނަށް އަނިޔާ ވުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން މާލޭގައި އޮފިސަރަކަށް މަރުތޭލަކުން ޙަމަލާދީ އަދި އޮފިސަރުންގެ މުދަލަށްވެސް ގެއްލުން ދީފައިވާކަން ކަރެކްޝަންސް އިން ވަނީ ހާމަކޮށްފައެވެ.
މާފުށީގެ ޔުނިޓް 4 ގައި 140 އަށް ވުރެ ގިނަ ގައިދީން އެބަތިއްބެވެ. ޖަލުގައި ހަމަނުޖެހުން ބޮޑުވެ ގިނަ ގައިދީން ގެ ޢާއިލާ ތަކުން ޝަކުވާ ކުރަމުން ދާ މި ދަނޑިވަޅުގައި ހިއުމަން ރައިޓްސް ކޮމިޝަނުންވަނީ ބުދަ ދުވަހުގެ ރޭ ޖަލަށް ޒިޔާރަތްކޮށް ގައިދީންގެ ޙާލު ބައްލަވާފައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ރިޔާސީ ވަޢުދުގެ ތެރޭގައި ޖަލުތަކާއި ޕެރޯލްގެ ނިޒާމަށް ގެންނަން ޖެހޭ އިސްލާޙުތައް ހިމަނަފައިވެއެވެ. ޖަލުތަކުގެ މައްސަލަތައް ފުނިޖެހިފައިވާ އިރު އޭގެ ތެރެއިން 180 މައްސަލައެއް ފާހަގަ ކުރައްވާ ވީ އެންމެ އަވަހަށް އެކަންކަން ޙައްލު ކުރުމަށްޓަކައި ހޯމް މިނިސްޓްރީން ވަނީ “ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމެޓީ”އެއްވެސް އެކުލަވާލާފައެވެ.
ކަރެކްޝަންސް އިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ހައްސާސް ދަނޑިވަޅުގައި ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަމުން އަންނާތީ، ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންނާއި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މަސައްކަތަށް ވެސް ބުރޫ އަރަމުން އަންނަ ކަމަށެވެ.
އަދި އެފަދަ އަމަލުތަކުގެ ސަބަބުން ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންނާމެދު އާންމުންގެ މެދުގައި ނަފްރަތު އުފެދެމުން އަންނާތީ، އެކަންކަން ވަނީ ކުށްވެރިކޮށްފައެވެ.
އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލީ ރާއްޖޭގައި 30 ދުވަހުގެ ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެން ޖަލުތަކުގެ ގައިދީންނާއި އެތަންތަނުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
ބައްދަލުވުންތައް މެދުކަނޑާލުމުގެ އިތުރުން އާއިލާގެ ފަރާތުން ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.
ކަރެކްޝަންސް އިން ބުނެފައިވަނީ، މިފަދަ ނާޒުކު ދަނޑިވަޅެއް ނަމަވެސް އާއިލާއާއި ގައިދީންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ފޯނު ކޯލުތަކަށް ކުރިން ފޯރުކޮށްދެމުންދާ މިންވަރު އިތުރުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
އިއްޔެ ގެ ވަގުތެއްގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ގެ ޓުވީޓެއްގައި އެމަނިކްފާން ވަނީ މިފަދަ ވަގުތެއްގައި ކުށްކުރާ ފަރާތްތަކުގެ ސަބަބުން މެދުވެރި ވެދާނެ ކަންތައްތަކުން ރައްކާތެރި ވުމަށްޓަކައި ހުރިހާ ރައްޔިތުން ހޭލުންތެރިވެ އެފަދަ ކަންކަމުން ސަލާމަތްވާން ޖެހޭ ކަމުގައި ވިދާޅުވެފައެވެ. އަދި ކުށްކުރާ ފަރާތްތަކުންވެސް ހުރިހާ ރައްޔިތުންގެ ޙައްޤުގައި އަމާން ސުލްޙަވެރި މުޖުތަމަޢަކަށް ޓަކައި މަސައްކަތް ކުރެއްވުމަށް އެދި ވަޑައިގެންފައިވެއެވެ.