English Edition
Dhivehi Edition

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ރިސޯޓްތަކުގެ ސްޕާތައް ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގާ ސްޕާތައް ވަކި ގޮތެއް އަންގަން ދެން ބަންދު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ މިއަދު ނެރުއްވި އެންގުމެއްގައި ބުނެފައިވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެން ރިސޯޓުތަކުގައި ގާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދުކުރަން އަންގާ ކަމަށެވެ. އަދި މީގެ ތެރޭގައި ސެލޫންތައްވެސް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި ފިޔަވަޅު ތަންފީޒުކޮށް އެ ފިޔަވަޅަށް ފުރިހަމަ އަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށް އަންގާ ކަމަށާއި އަދި މި އެންގުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާއި އަޅާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ އަންގާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް 19 ގެ ބަލީގެ 13 މީހަކު ރާއްޖެއިންވެސް ފެނިފައިވާއިރު ސިއްޙީ މާހިރުން ދެކޭގޮތުގައި ކުރިއަށް އޮތް ދެ ހަފުތާ ވެގެންދާނީ ރާއްޖޭގައި މި ބަލި އެންމެ އާންމުވާނެ ދުވަސްވަރު ކަމަށެވެ. އެހެންކަމުން މިކަމަށް ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ނެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ފެނުނު ހުރިހާ އެންމެންނަކީވެސް ބޭރުގެ ފަތުރުވެރިންނެވެ.