ކޮވިޑް-19 ޖެހިގެން އީރާނުން ކޮންމެ 10 މިނިޓަކުން މީހަކު މަރުވާކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އީރާންގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ ވައިރަހާއި ގުޅިގެން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެ ޤައުމުގައި ކޮންމެ 10 މިނިޓަކުން މީހަކު މަރުވެއެވެ. އަދި ކޮންމެ ގަޑިއިރަކު 50 މީހުންނަށް ވައިރަސް ޖެހޭކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މެދުއިރުމަތީގައި އެންމެ ބޮޑަށް ވައިރަސް ފެތުރި އެންމެ ގިނަ މީހުން މަރުވެފައި ވަނީއީރާނުގައެވެ. އެގޮތުން މިހާތަނަށް އެޤައުމުން 1,284 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފަ އެވެ.
އީރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރ އަލީރިޒާ ރެއިސީ ބުނެފައި ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ވައިރަސް ޖެހިގެން 147 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 1،192 މީހުންނަށް މިއަދު ވައިރަސް ޖެހުނު އިރު އެ ޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 17،361 އަށް އަރައިފަ އެވެ.
އީރާނުގެ ވެރިރަށް ތެޙްރާނުގެ ހޮސްޕިޓަލަކުން މިއަދު އެއް ޑޮކްޓަރަކު މަރުވެފައިވާއިރު މިހާތަނަށް އެ ޤައުމުގައި ކޮވިޑް-19 ބަލި ޖެހިގެން 10 ޑޮކްޓަރުންނާއި 4 ނަރުހުން ވަނީ މަރުވެފަ އެވެ.
ޖޯންސް ހޮޕްކިންސް ގެ ޑާޓާ ދައްކާ ގޮތުގައި މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 219،000 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފެތުރެންފެށި މި ވައިރަސް ޖެހިގެން މިހާތަނަށް 8،900 މީހުން ވަނީ މަރުވެފަ އެވެ. މިއަދާއި ހަމައަށް 84،000 ހާސް މީހުން ވަނީ މި ވައިރަހުން ރަނގަޅު ވެފަ އެވެ.