English Edition
Dhivehi Edition

މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބަލިމަޑުކަމާއި ގުޅިގެން، މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފެށުން ކުރިއަށްވުރެ ފަސްކޮށްފި އެވެ.

އިނގިރޭސި އެފްއޭ އިން އެންމެ ފުރަތަމަ އެ ގައުމުގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ނިންމީ އަންނަ މަހުގެ ހަތަރެއްގެ ނިޔަލަށެވެ. އެ ފަހަރު ލީގު މެދުކަނޑާލަން ނިންމީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ވިންގާ ކަލުމް ހަޑްސަން-އޮޑޯއީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވުމުންނެވެ.

އެކަމަކު، މިއަދު އިނގިރޭސި ކްލަބްތަކާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސަަށް ފަހު މިހާރު ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ފަހުން ފުޓްބޯޅަ ސީޒަން ފެށުމަށެވެ. އެހެންވެ އިނގިރޭސި ޕްރިމިއާ ލީގާއި އީއެފްއެލް ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން)، އިނގިރޭސި ތިން ޑިވިޝަނާއި ވިމެންސް ސުޕަ ލީގު ފަށާނީ މެއި މަހުން ފެށިގެންނެވެ.

އެފްއޭގެ ގަވާއިދުގައިވާގޮތުން އިނގިރޭސި ފުޓްބޯޅަ ސީޒަން ޖޫން އެއް ވަނަ ދުވަހަށް ނިންމަން ޖެހޭ ގޮތަށް ލިޔެވިފައިވީނަމަވެސް، އިނގިރޭސި އެފްއޭ އިން މިއަދު ވަނީ ހާއްސަ ހާލަތެއްގެ ސަބަބުން އެ ގަވާއިދަށް އަމަލުނުކުރަން ނިންމައިފަ އެވެ. އަދި މިހާރު އޮތްގޮތުން ގިނަ ކްލަބްތަކުން ވަނީ ފުޓްބޯޅަ ސީޒަން ނިންމުމަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޔަގީންކަން ދީފައެވެ.

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަނީ އަންގާރަ ދުވަހު 55 މެމްބަރު ގައުމުތަކާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައިވާއިރު، މި ފަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހު ނިންމަން ހުރިހާ މެމްބަރު ގައުމުތަކުގެ އިއްތިފާގުން ވަނީ އެއްބަސްވެފައެވެ. އަދި އެކަމަށް ބާރު އެޅުމުގެ ގޮތުން ޔުއެފާ އިން ވަނީ ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންމެބޯލްއާ މަޝްވަރާކޮށް އަންނަ ޖޫން މަހު ކޮލަމްބިއާ އާއި އާޖެންޓީނާގައި ބާއްވަން ކުރިން ތާވަލުކޮށްފައިވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް 2021 ވަނަ އަހަރަށް ފަސްކޮށްފަ އެވެ.

މިހާތަނަށްއައިއިރު، މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ތަފާތު 159 ގައުމަކުން ގާތްގަނޑަކަށް 227,743 މީހަކަށް މި ބަލި ޖެހިފައިވެއެވެ. އޭގެތެރެއިން 84,532 މީހުން އެ ބަލިން ފަސޭހަވެފައިވާއިރު، 9,318 މީހުން ވަނީ މަރުވެފައެވެ. ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެނީ ޔޫރަޕުގައެވެ.