ރެއާލް މެޑްރިޑްގެ ހުރިހާ ކުޅުންތެރިން ގޭގައި ކަރަންޓީންވެ ތިބުމަށް އެ ކްލަބުން އަންގާފައި ވަނިކޮށް އެ އެންގުމާއި ޚިލާފުވެ އެ ޓީމުގެ ސާބިޔާ ފޯވާޑް ލޫކާް ޔޮވިޗް އެންހެލް ރިވޭރޯ ގެއިން ބޭރަށް ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރެއާލް މެޑްރިޑްގެ ޓީމް ކަރަންޓީން ކުރަން ނިންމީ މާޗް 12 ގައެވެ. އެ ނިންމުން ނިންމީ ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. ރެއާލް ޓީމުގެ ކަރަންޓީން ކުރުމާއި އެކު ސްޕެނިޝް ލީގުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ މާސާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރަންޓީންގައި ހުއްޓައި ޔޮވިޗް ބޭރަށް ދިޔައީ އޭނާގެ ލޯބިވެރިޔާގެ އުފަންދުވަސް ފާހަގަކުރުމަށެވެ. އެކަމާއި ގުޅިގެން ސާބިއާގެ ފުލުހަށް ޔޮވިޗް ހާޒިރުކުރި ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ހޯމް ކަރަންޓީންގައި ހުރުމަށް އަންގާފައި ވަނިކޮށް ޔޮވިޗް އެ އެންގުމާއި ޚިލާފުވި މައްސަލައިގައި ރެއާލް އިން އޭނާ އާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ.
ޖަރުމަނު ލީގުގެ ފްރެންކްފާޓުން 2019 ވަނަަ އަހަަރުގެ ޖުލައި މަހު ރެއާލް އިން ޔޮވިޗް އެ ކްލަބަށް ބަދަލުވީ 65 މިލިއަން ޔޫރޯގެ އަގަކަށެވެ. އެހެން ނަމަވެސް، މިހާތަނަށް އައިއިރު ރެއާލްގައި އޭނާ އަށް ރަނގަޅު ކުޅުމެއް ދެއްކިފައިނުވާއިރު މި ސީޒަނުގައި އެ ޓީމަށް ކުޅެދިން 21 މެޗުގައި ޖެހިފައިވަނީ އެންމެ ދެ ގޯލެވެ.
މިހާތަނަށްއައިއިރު، މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ތަފާތު 159 ގައުމަކުން ގާތްގަނޑަކަށް 229,390 މީހަކަށް މި ބަލި ޖެހިފައިވާއިރު، ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެނީ ޔޫރަޕުގައެވެ. އެގޮތުންް، ސްޕެއިނުގައި މިހާތަނަށް 17،395 މީހުން ކޮވިޑް-19 އަަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދަކީ 803 އެވެ.