English Edition
Dhivehi Edition

ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހަ ރަށަކުން ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ނެޝަނަލް އެމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް 517 ސާމްޕަލް ނެގިފައިވާ ކަމަށާއި އެތަނުން 502 ކޭސް ނެގެޓިވް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ، ހިންނަވަރު، ފައިނު، އުކުޅަސް، މާލެ އަދި ވިލިމާލެ އިން ނެގި ސާމްޕަލްތަކެވެ.

ހިތަދޫ އާއި ފައިނުން ޓެސްޓުކުރީ އިންޑިއާގެ ކޮޗިން އިން އައި ދެމީހެކެވެ. އުކުޅަހުން ޓެސްޓު ކުރީ ޓްރިވެންޑްރަމް އިން އައި ދިވެއްސެކެވެ. ބެންގަލޫރުންނާއި ލަންކާއިން އައި ދެމީހަކު މާލެ އިން ޓެސްޓު ކުރި އިރު، ހިންނަވަރުން ވެސް ޓެސްޓުކުރީ ލަންކާއިން އެނބުރި އައި ދިވެއްސެކެވެ. ވިލިމާލެ އިން ސާމްޕަލް ނަގައި ޓެސްޓު ކުރީ ދެކުނު ކޮރެއާއިން އެނބުރި އައި ދިވެއްސެއްގެ އެވެ. މި ރަށްރަށުގެ އިތުރުން ރިއު ހޮޓެލްއިން ޓެސްޓު ކުރި މީހާގެ ސާމްޕަލް ވެސް ނެގެޓިވް ވެފައިވާކަމަށް މަބްރޫކް މިއަދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން، މަބްރޫކް ވިދާޅުވީ، މޮނިޓަރިންގެ ހާލަތުގައި މިވަގުތު ޝެވަލް ބްލޭންކް އާއި ޕެރަޑައިސް އައިލެންޑް ރިސޯޓް އެބައޮތް ކަމަށެވެ. އެގޮތުން ޝެވަލް ބްލޭންކް މޮނިޓަރ ކުރަމުންދަނީ ބިދޭސީއެއްގެ ގައިން ބަލީގެ އަލާމާތެއް ފެނުމުން ކަމަށާޢި ،ޕެރަޑައިސް އައިލެންޑް ރިސޯޓް މޮނިޓަރ ކުރަމުންދަނީ 8 ދިވެހިންނާއި 2 ބިދޭސީން ބަލީގެ އަލާމާތްތައް ހުރިކަމަށް ބެލެވޭތީކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 169 މީހަކު އެބަ ތިއްބެވެ. އެއީ ހުޅުލެ އައިލެންޑް ހޮޓެލްގައި ތިބި 75 ފަރާތަކާއި ފަން އައިލެންޑުގައި ތިބި 51 ފަރާތަކާއި ވިލިވަރުގައި ތިބި 25 މީހަކާއި، ވެލިދޫގައި ތިބި 16 ފަރާތަކާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބި ދެ މީހެކެވެ. މިވަގުތު ފަރުކޮޅުފުށީގައި އެއްވެސް މީހަކު ނެތެވެ.

1 ކޮމެންޓް
ފފފ
މާޗް 19, 2020
alhamdulillah