English Edition
Dhivehi Edition

ވިލާގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ 8 ދިވެއްސަކާއި2 ބިދޭސީއެއްގެ ގައިން ކޮރޯނާގެ އަލާމާތްތައް ފެނި، އެ މީހުން އެކަހެރިކޮށް ރަށް މޮނީޓާ ކުރަން ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ޕެރަޑައިސް އައިލެންޑް ރިސޯޓުން އަށް ދިވެހިންނާއި ދެ ބިދޭސިންގެ ފަރާތުން ކޮރޯނާގެ އަލާމާތްތައް ފެންނާތީ އެ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެންދެވިފައިވާ ކަމަށެވެ.

އެމީހުންގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން ޕެރަޑައިސް ރިސޯޓު މޮނީޓަރިންގެ ހާލާތަށް ގެނެސްފައިވާއިރު، އެ ހާލަތުގައި އެ ރިސޯޓަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، އާމްދަނީ ދަށަށް ދިޔުމާއެކު، ޕެރައިޑައިސް އައިލެންޑް ރިސޯޓު ފިޔަވައި ކުންފުނީގެ އެހެން ރިސޯޓުތައް ބަންދުކުރަން ވިލާއިން ވަނީ މީގެ ކުރިން ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވިލާގެ އެހެން ރިސޯޓުތަކަށް ބުކިންގ ހަދާފައިވާ ހުރިހާ ފަތުރުވެރިންގެ ބުކިންތައް ޕެރެޑައިސްއަށް ބަދަލުކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ފެނިފައިވާއިރު މިކަމާ ގުޅިގެން ރާއްޖޭގައި ވަނީ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އިއުލާން ކޮށްފަ އެވެ.