ކޮވިޑް-19 އާއި ގުޅިގެން ލަންކާގެ ހުރިހާ އެއާޕޯޓެއް ބަންދުކޮށްފި އެވެ.
ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ލަންކާގެ ހުރިހާ އެއާޕޯޓެއް ބަންދުކުރަން އެ ޤައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އަންގަވައިފި އެވެ. ރައީސް ގޯޓާބޭ ރާޖަޕަކްސާ އަންގާފައި ވަނީ މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތައް އެއާޕޯޓްތައް ބަންދުކުރުމަށެވެ.
ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައި ވަނީ އެޤައުމުގެ އެއާޕޯޓްތައް ބަންދުކުރުމަށް ލަންކާގެ ޞިއްޙަތާއި ބެހޭ ވުޒާރާއިންވެސް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.
ލަންކާގެ އެއާޕޯޓްތައް ބަންދުކޮށްފައިވާ މުއްދަތުގައި ބައެއް ކަހަލަ ފްލައިޓްތައް ޖެއްސުން ހުއްދަ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަނުން މައުލޫމާތު ދެއެވެ. އެގޮތުން ކުއްލި ހާލަތުގައި ޖައްސާ ބޯޓު ތަކާއި އެހީގެ ތަކެތި ހިފައިގެން އަންނަ ބޯޓު ތަކާއި ޓްރާންސިޓް ފްލައިޓްތައް ހިމެނެ އެވެ. ނަމަވެސް ޓްރާންސިޓް ބޯޓުތަކަށް ހުއްދަ ދީފައި ވަނީ 6 ގަޑިއިރަށްވުރެ ދިގު ނުވާ ގޮތަށެވެ.
ލަންކާއިން މިހާތަނަށް 51 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އެ ޤައުމުން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބައެއް ހިސާބުތައް ލޮކްޑައުންވެސް ކޮށްފަ އެވެ.