ސްރީ ލަންކާގައި ހަމަނުޖެހުން ބޮޑުވުމާ ގުޅިގެން ކުއްލި ހާލަތު އިއުލާންކުރިތާ 2 ދުވަސް ފަހުން ބޮޑު ވަޒީރު މަހިންދަރާޖަބަކްސަ ފިޔަވައި އެޤައުމުގެ ކެބިނެޓް އެންމެން އިސްތިޢުފާ ދީފިއެވެ. ލަންކާގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެ ކާބޯތަކެއްޗާއި ބޭހަށް ޖެހި ޙާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކުދަނީ ކާފިއުގެ ވަގުތުގައިވެސް މަގުމައްޗަށް ނިކުމެ އަޑު އުފުލާ އަދި ފުލުހުންނާއި ކުރިމަތިލަމުންނެވެ.
ލަންކާގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި އެގައުމުގެ ފައިސާގެ އަގު ވެސް ވަނީ ވަރަށްބޮޑަށް ވެއްޓިފައެވެ. މީގެ އިތުރުން ޑޮލަރު ލިބުން ދަތިވެ ތެލަށްޖެހި، އަދި ކަރަންޓު ފޯރުކޮށް ނުދެވި، ދުވާލާއި ރޭގަނޑުގެ ބޮޑު ބައެއް ކަރަންޓާއި ނުލާ އެޤައުމުގެ ރައްޔިތުންދަނީ ހޭދަކުރަމުންނެވެ.
ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަގެ ސަރުކާރަކީ، އާއިލާގެ ގިނަ ބޭފުޅުންވެސް ހިމެނެ ސަރުކާރެކެވެ. ކެބިނެޓްގެ އިތުރުން ލަންކާގެ ރައީސް، ގޮތަބަޔާ ރާޖަޕަކްސާ އަކީ މަހިންދަގެ ކޮއްކޯފުޅެވެ. އަދި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެ އާއިލާގެ އެހެން މެންބަރުންގެ ތެރޭގައި މަހިންދަ އާއި ގޮތަބަޔާގެ ކޮއްކޯފުޅު ބެސިލް އާއި އެ ދެ ބޭފުޅުންގެ ބޭބޭފުޅު ޗަމަލް ވެސް ހިމެނިވަޑައިގަންނަވައެވެ.
#SriLanka: More from Rajagiriya, Colombo pic.twitter.com/KwYgY05SY1
— Meera Srinivasan (@Meerasrini) April 3, 2022
22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ.
އެ ޤައުމުންވަނީ އިންޓަނޭޝަލް މަނިޓަރީ ފަންޑު، އައިއެމުއެފުގެ މާލީ އެހީތެރިކަމަށްވެސް އެދިފައެވެ. މީގެ ކުރިން އެ ޤައުމުންވަނީ 16 ފަހަރެއްގެ މަތިން އައިއެމުއެފުގެ މާލީ އެހީތެރިކަން ހޯދައިފައެވެ.