ފްރާންސަށް ނިސްބަތްވާ ޔުވެންޓަސްގެ މިޑްފީލްޑަރު ބްލައިސް މަޓުއީޑީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އޭނާ އަށް ހިތްވަރު ދިނުމުގެ ގޮތުން މެންޗަސްޓަރ ޔުނައިޓެޑްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ތަމްރީންތަކުގައި ފެނިގެންދިޔައީ ޔުވެންޓަސްގައި މަޓުއިޑީ ބޭނުން ކުރަމުން އަންނަ 14 ނަންބަރު ޖާޒީއެއްގައެވެ.
ފްރާންސަށް ނިސްބަތްވާ ޕޮގްބާ އާއި މަޓުއީޑީ އަކީ ފްރާންސްގެ ޤައުމީ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ދެ ކުޅުންތެރިންނެވެ. އަދި ޕޮގްބާއަކީ މީގެ ކުރިން ޔުވެންޓަސް އަށް ކުޅުނު ކުޅުންތެރިއެކެވެ.
ޕޮގްބާ އަލުން ޔުވެންޓަސް އަށް ގެންދަން އެ ކްލަބުން މަސައްކަތް ކުރާ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ. އެހެން ނަމަވެސް އޭނާ މިފަހަރު ޔުވެންޓަސްގެ ޖާޒީގައި ތަމްރީންތައް ފުރިހަމަ ކުރީ މަޓުއީޑީއަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ވަނީ ބުނެފައެވެ.
ޕޮގްބާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯގައި އޭނާގެ އިތުރުން ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓަ ލިންޑެލޯފް ވެސް ފެނެއެވެ. އޭނާ ލައިގެން ހުންނަނީ އިޓާލިއަން ސެރިއާގެ ކްލަބެއް ކަމަށްވާ ސެމްޕްޑޯރިއާގެ އަލްބިން އެކްޑާލްގެ ޖާޒީއެކެވެ. މި ދެ ކުޅުންތެރިން ތަމްރީން ފުރިހަމަ ކުރީ އިންޑޯ ފެސިލިޓީއެއްގައެވެ. ބެލެވޭ ގޮތުގައި މިއީ ޕޮގްބާ ދިރިއުޅޭ އެޕާޓްމަންޓްގައި ހަދާފައިވާ ތަނެކެވެ.
ޕޮގްބާކުރި ޕޯސްޓަށް މަޓުއީޑީ ވަނީ ޝުކުރުވެސް އަދާކޮށްފައެވެ. އަދި ފާއިތުވި އަހަރުގެ ޑިސެމްބަރު 26 އިން ފެށިގެން އަނިޔާ އާއި ހެދި ކުޅުމާއި ދުރުގައި ހުރި ޕޮގްބާ އަލުން ބޯޅައާއެކު ތަމްރީންކުރަން ފެށުމުން އުފާކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.