English Edition
Dhivehi Edition

ދުވަސްތަކަކަށް ފަހު ސައުތް ކޮރެއާގައި ކޮވިޑް19ގެ ކޭސްތައް އަނެއްކާވެސް މައްޗަށް ޖެހިލައިފިއެވެ.

ސައުތް ކޮރެއާގެ ސިއްހީ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ 152 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއި އެކު އެގައުމުން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 8565 އަށް އަރާފައެވެ.

ސައުތު ކޮރެއާ އިން އެންމެ ފުރަތަމަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވީ ފެބްރުއަރީ 15 ގައެވެ. އޭގެ ފަހުން ތިން ވަރަކަށް ދުވަސް ވަންދެން ވައިރަސް ފެންނަމުން ދިޔައީ މަދު އަދަދެއްގެ މީހުންގެ ގައިންނެވެ. އެހެން ނަމަވެސް ކުއްލިއަކަށް ދުވާލަކު އެތައް ސަތޭކަ ބައެއް ގައިން ކޮވިޑް19 ފެންނަން ފެށީއެވެ.

އެއާއި އެކު އޭޝިޔާގެ އެންމެ މުއްސަނދި، އަދި ސިއްޙީ ނިޒާމްތައް ވަރުގަދަވެފައި ބޮޑެތި ކާރިސާތަކުގެ ވަގުތުތަކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކަމަށް މަޝްހޫރުވެފައިވާ ކޮރެއާ އިން ވަނީ ވަރުގަދަ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރޭގައި ހޮސްޕިޓަލްތަކުން ބޭރުގައި ވެސް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސިއެވެ.

ކޮރެއާގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގައި ދުވާލަކަށް 20،000 މީހުން ކޮވިޑް19 އަށް ޓެސްޓް ކުރެވޭނެއެވެ. މިއީ ކުރިއަރާފައިވާ އެހެން ގައުމުތަކަށް ވުރެ މާ މަތީ އަދަދެކެވެ.

ސައުތް ކޮރެއާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ދުވަސްތަކަކަށް ފަހު ކޮވިޑް19ގެ ކޭސްތައް ރިޕޯޓްކުރާ އަދަދު އިތުރު ވިޔަސް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުގައި ކޮވިޑް19 ފެތުރުން ހުއްޓުވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.