English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް މިހާރުވެސް އެ ކޮމިޝަންގެ ނައިބް ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ އަހުމަދު އަކްރަމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

އަކްރަމްގެ ނަން މަޖިލިހުގެ ތަޅުމުން ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.

އަންނަ ހޯމަ ދުވަހު އަކްރަމްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ ވެސް އަކްރަމްގެ ނަމެވެ.

އަކްރަމްގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުކަމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަން، އަހުމަދު މަންސޫރު އަދި މަރިޔަމް ހަނީފާ ހާލިދާ ކުރިމަތިލައްވާފައިވާއިރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނަންތައް ދިރާސާ ކުރުމަށް ފަހު މި ތިން ފަރާތަަށްވެސް އެ ކޮމިޓީއިން ވަނީ ރުހުންދީފައެވެ. އަދި އޭގެ ތެރެއިން އެކެއްގެ ނަން މަޖިލިހުގެ ތަޅުމުން ފާސްކޮށް ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައިވެއެވެ.

72 ވޯޓާއެކު އަކްރަމްގެ ނަން ފާސްވުމާ ގުޅިގެން އިތުރު ނަމަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.

2015 ވަނަ އަހަރު އިލެކްޝަން ކޮމިޝަނާއި ގުޅިވަޑައިގަތް އަކްރަމް ވަނީ މި ދިޔަ 2019 ވަނަ އަހަރު ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އީސީގެ ނައިބު ރައީސް ކަމަށް އައްޔަންކޮށްފައެވެ. އީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް، ނައިބު ރައީސް އަކްރަމްގެ އިތުރުން ފުއާދު ތައުފީގު، އިސްމާއިލް ހަބީބް އަދި އަލީ ނަޝާތުއެވެ.