English Edition
Dhivehi Edition

ދައުލަތުގެ ބަޖެޓުން މުސާރަ ދޭ މުވައްޒަފުންގެ، މާޗްމަހުގެ މުސާރަ ޝީޓް ތައްޔާރުކުރާއިރު އިތުރު ގަޑީގެ ފައިސާ ނުހިމަނާ ޝީޓް ތައްޔާރުކުރުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިހާރުވަނީ ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތައް ދޭ މުވައްޒަފުންނަށް މާޗް މަހުގެ މުސާރައާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރަންވީ އުސޫލު ބަޔާންކޮށް ހުރިހާ އޮފީސްތަކަކަށް ސާކިއުލާއެއް ފޮނުވާފައެވެ.

މި ސާކިއުލާގައި، މުސާރައާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އިތުރު ގަޑީގެ ފައިސާ އާއި މުސާރަ އަދި އިނާޔަތްތަކުން އުނިކުރާ ގަޑިލާރީގެ ފައިސާ މާރިޗު މަހުގެ މުސާރައިގައި ހިމަނައިގެން ނުވާނެކަމަށާއި މިފައިސާ އުނިއިތުރު ކުރާނީ މިނިސްޓްރީއިން އަންގާ ގޮތެއްގެ މަތިން ކަމަށްވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މުސާރަ ޝީޓް ތައްޔާރު ކުރުމުގައި އިދާރީ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަންކަން ސާކިއުލާގައި ހިމަނާފައި ވެއެވެ. އަދި ކުރިއަށް އޮތް ހަފްތާ ސަރުކާރު ބަންދުވާނެތީ، މި މަހުގެ މުސާރަ ޝީޓް މިއަދު މެންދުރުފަހު 14:00 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށްވެސް އެ މިނިސްޓްރީންވަނީ އޮފީސްތަކަށް އަންގާފައެވެ.

ކޮވިޑ-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ސަރުކާރުން އަންނަނީ ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ގޮތުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުއައްޒަފުންނަށް އިތުރު ގަޑި ހެދުން ހުއްޓާލުމަށް އަންގާފައިވާއިރު ސިޔާސީ މާގާމުތަކުގައި ތިބި މުއައްޒަފުންގެ މުސާރާއިން %20 ކަޑާލުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ.