English Edition
Dhivehi Edition

މާލެ އާއި ރިސޯޓްތަކުގެ ހުރިހާ މިސްކިތްތަކެއް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ސަރުކާރުން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވެފައި ވަނީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މުޅި ރާއްޖެއަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާން ކޮށްފައި ވާއިރު އިސްލާމިކް މިނިސްޓަރ މިއަދު ވިދާޅުވީ މިއީ އެޗްޕީއޭގެ ލަފާގެ މަތިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ނުރައްކާތެރި ކޮވިޑް-19 ބަލި ފެނިފައިވާ އެހެން މުސްލިމް ޤައުމުތަކުންވެސް ވަނީ ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މިސްކިތްތައް ވަކި މުއްދަތަކަށް ބަންދުކޮށްފަ އެވެ. މިއީ ރާއްޖޭގެ މިސްކިތްތައް މިގޮތަށް ބަންދުކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ މިސްކިތްތައް ބަންދުކުރުމަށް ސަރުކާރުން ނިންމި އިރު ކުރިޔަށް އޮތް ދެ ހުކުރު ވެސް ޖަމާޢަތުގައި ނޯންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ނަމާދާއި ގުޅޭގޮތުން ޢަމަލު ކުރާނެ ގޮތެއް ފަހުން ޢިލްމުވެރިން ބުނެދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިސްކިތްތައް ބަންދުކުރި ކަމުގައި ވިޔަސް މިސްކިތްތަކުގެ އިމާމުން ކޮންމެ ނަމާދަކަށްވެސް ބަންގި ގޮވާނޭ ކަމަށެވެ. އަދި ވަކިން މިސްކިތްތަކުގައި ނަމާދު ކުރަން ބޭނުން މީހަކަށް އެކަން ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކޮވިޑް-19 ބަލި ރާއްޖެއިން ފެނިފައިވާއިރު 13 މީހަކު ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އަދި ބައެއް ފަރާތްތައް ވަނީ ކަރަންޓީންކޮށް ބައެއް ފަރާތްތައް ވަނީ އެކަހެރިވެސް ކޮށްފަ އެވެ.

1 ކޮމެންޓް
ކީކޭ ބުނާނީ؟
މާޗް 18, 2020
އަޅުކަން ކޮށްގެން މި ބަލިން ރާއްޖެ ސަލާމަށްކޮށްދެއްވުން އެދި ދުޢާކުރަންޖެހިފައިވާ ހާލަތުގައި މި ސަރުކާރުން އަންގަނީ އެކަން ނުކުރުމަށް. ދުނިޔޭގެ އެހެން ގައުމަކުން މިފަދަ އަމުރެއް ނެރުނީތޯ. އިސްލާމީ ގައުމެއްގައި ޖަމާޢަތުގައި ނަމާދު ނުކުރުމަށް އަންގާފައިވާކަން ބެލުން ވަރަށް މުހިންމު