English Edition
Dhivehi Edition

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން، މެލޭޝިއާ އާއި އިނގިރޭސިވިލާތުގައި ތިބި ދިވެހީން އެއާޕޯޓަށް ނުދިޔުމަށް ދިވެހި ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ދިނުމަށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ދެ ގައުމުގައި ތިބި ދިވެހީންނަށް ކުރެވޭނެ އެންމެ ބޮޑު ނުރައްކާތެރި ކަމަކީ ޕަބްލިކް ޓްރާންސްޕޯޓް މެދުވެރިކޮށް އެއާޕޯޓަށް ދިޔުން ކަމަށާއި މިވަގުތު އެންމެ ރައްކާތެރިގޮތަކީ ދިރިއުޅޭ އެޕާޓްމަންޓުން ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްގެން ތިބުން ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިޔާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ މުޅި މެލޭޝިއާ ވަނީ ލޮކްޑައުން ކޮށްފައެވެ. މެލޭޝިޔާގައި މިހާތަނަށް 673 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ބަލީގައި މިހާތަނަށް ދެ މީހަކު މަރުވެފައިވާއިރު، އެ ދެމީހުން ވެސް މަރުވެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގަ އެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 1543 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 55 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މެލޭޝިއާއިން ރާއްޖެ ރާއްޖެއަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ ކަރަންޓީން ފެސިލިޓީއަކަށް ފޮނުވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންވެސް ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ، އަންގާރަ ދުވަހުގެ 18:00 ގެ ފަހުން، މެލޭޝިޔާއިން ދިވެހިރާއްޖެއަށް އަދި މެލޭޝިޔާ މަގުން ދަތުރުކުރުމަށްފަހު ރާއްޖެ އަންނަ އެންމެހާ ދިވެހިން 14 ދުވަހުގެ މުއްދަތަށް މޮނިޓަރ ކުރުމަށް ކަރަންޓީނު ފެސިލިޓީއަކަށް ފޮނުވޭނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެ 13 މީހުންނަކީ ވެސް ބިދޭސީން ނެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.