ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާވައިރަސް(ކޮވިޑް-19) އިން ރާއްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އައްޑޫ ސިޓީގައި ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނަ ސަދަން ޓްރާންސްޕޯޓް ލިންކުން ކުރަމުން އައި ދަތުރުތައް މަދުކުރަން ނިންމައިފިއެވެ.
މި ގޮތުން އެ ކުންފުނިން ކުރިން ކުރަމުން އައި އެއްގަމާއި ކަނޑުދަތުރުތައް މަދުކުރަން ނިންމާ ކުރި އިއުލާނެއްގައި ބުނީ މިއީ ރައްޔިތުން ބޭރުގައި އުޅެންޖެހޭ ވަގުތު މަދުކުރުމާއި މީހުން އެއްވެ އުޅޭ ތަންތަން ނުގޮސް އުޅުމަށް ބާރުއަޅައި އަދި ދަތުރުފަތުރު މަދުކުރުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށެވެ.
ކުރިން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު ހުޅުމީދޫ އިން ފޭދޫ އަށް ހަތަރު ދަތުރު އަދި ފޭދޫ އިން ހުޅުމީދޫ އަށް ހަތަރު ދަތުރު ތާވަލްކޮށްފައިވާއިރު މާދަމާއިން ފެށިގެން ބޭއްވުމަށް ނިންމާފައިވަނީ ކޮންމެ ކޮޅަކަށް ތިން ދަތުރެވެ، އަދި ހުކުރު ދުވަހާއި ހޮނިހިދު ދުވަހު ކޮންމެ ކޮޅަކަށް ދެ ދަތުރު ކުރުމަށް ތާވަލްކޮށްފައިވާއިރު އެސްޓީއެލް އިންވަނީ ރޭގަނޑުކުރަމުން އައި ޝެޑިއުލް ދަތުރުތައް އެއްކޮށް ހުއްޓާލާފައެވެ،
އެހެންނަމަވެސް އެސްޓީއެލް އިން ފުވައްމުލަކާއި ފޭދޫ އާއި ދޭތެރޭ ކުރާ ދަތުރުތަކަށް ބަދަލެއް ގެނެސްފައިނުވާއިރު ފުވައްމުލަކާއި ފަރެސްމާތޮޑާ އާއި ދެމެދު ކުރާ ދަތުރުތަކަށްވަނީ ބަދަލު ގެނެސްފައެވެ. ކުރިން ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފަރެސްމާތޮޑާއަށް ކުރަމުން އައި ދަތުރު މަދުކޮށް މިހާރު ދަތުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެކަންޏެވެ.
މީގެ އިތުރުން އެސްޓީއެލް އިން ދެމުން އަންނަ ބަހުގެ ހިދުމަތަށްވެސް ވަނީ ބަދަލުތައް ގެނެސްފައެވެ.