މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބަލިމަޑުކަމާއި ގުޅިގެން، މި އަހަރުގެ ޖޫން 12 އިން ޖުލައި 12 އަށް ބާއްވަން ރާވާފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް، ޔޫއެފާ އިން އެއް އަހަރަށް ފަސްކޮށްފިކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޔުއެފާ އިން އެގޮތަށް ނިންމީ، މިއަދު ބޭއްވުނު ކުއްލި ބައްދަލުވުމުގައެވެ. ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބް އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުން ބައިވެރިވެއެވެ. އަންނަ އަހަރުގެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 11 އިން ޖުލައި 11 އަށެވެ.
ބެލެވޭގޮތުގައި, ޔޫރޯ ފަސްކުރީ ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ޔޫރަޕުގެ ލީގުތަކާއި ޔުއެފާގެ ކްލަބް މުބާރަތްތައް ނިންމަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެގޮތުން، މި ބަލިމަޑުކަން އާއްމު ހާލަތަށް އެޅި ލީގުތައް އެންމެ އަވަހަށް ވެސް ފެށޭނެ ކަމަށް ބެލެވެނީ މޭ މަހުގައި ކަމަށްވާއިރު، ކުރިން މޭ މަހުގެ ނިޔަލަށް ނިންމަން ޖެހޭ ފުޓްބޯޅަ ލީގުތައް އެ ތާރީހަށް ނުނިންމޭނެތީވެއެވެ. އެކަމަކު، ކުރީން މި އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ފަސްކުރުމާ އެކު ޖޫން މަހާއި ޖުލައި މަސް ހުސްވެ، ލީގުގެ ބާކީ ނުނިމި ހުރި މެޗުތައް ކުރިއަށްގެންދިއުމަށް ވަގުތު ލިބިގެންދާނެ އެވެ.
މީގެއިތުރުން، މި ފަހަރުގެ ޔޫރޯ ބާއްވަން ރާވާފައި އޮތީ އެހެން އަހަރުތަކާ ހިލާފަށް، ތަފާތު 12 ގައުމެއްގެ 12 ސިޓީގަ އެވެ. އެހެންކަމުން، ކުރީގެ މުބާރާތްތަކަށް ވުރެ ދަތުރުފަތުރުތައް ގިނަވެ މީހުން އެކިތަންތަނަށް ޒިޔާރަތްކުރާ އަދަދު އިތުރުވާނެ އެވެ. ކުރިން ނަމަ ސަޕޯޓަރުން ޖަމާވާނީ އެއް ގައުމަކަށެވެ. މިހާރު އެކި ގައުމުތަކަށް ޒިޔާރާތްކުރަން ސަޕޯޓަރުންނަށް ޖެހޭނެ އެވެ. މި މުބާރާތުގެ ފުރަތަމަ މެޗު ރޯމުގެ އޮލިމްޕިކޯގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ ލަންޑަނުގެ ވެމްބްލީގައެވެ.
މިހާތަނަށްއައިއިރު، މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ތަފާތު 155 ގައުމަކުން ގާތްގަނޑަކަށް 187,689 މީހަކަށް މި ބަލި ޖެހިފައިވެއެވެ. އޭގެތެރެއިން 80,630 މީހުން އެ ބަލިން ފަސޭހަވެފައިވާއިރު، 7,494 މީހުން ވަނީ މަރުވެފައެވެ. ޗައިނާ އިން މިދިޔަ ޑިސެމްބަރު ފެނުނު މި ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެނީ ޔޫރަޕުގައެވެ.