އާވީ ނޭޗާސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓު (ދ. ދޫރެސް)އިން ކޮވިޑް19 އަށް ޓެސްޓުކުރި ސާމްޕަލް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
މިދިޔަ އާދީއްތާ ދުވަހު، އާވީގައި ހުރި ބިދޭސީއެއްގެ ގައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެނިގެން އެ ރިސޯޓު ވަނީ ބަންދުކޮށްފައެވެ. އަދި އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން އާވީއިން ނެގި ސާމްޕަލްގެ ނަތީޖާ ނައްސިވެފައިވާ ކަމަށާއި އެހެންކަމުން އެ ރިސޯޓުގެ މޮނީޓަރިންގ ހާލަތު ނަގާފައިވާ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 183,356 އަށް އަރާފައެވެ.މި ބަލީގައި މަރުވި މީހުންގެ އަދަދު 7167ކަށް އަރާފައިވާއިރު މި ބަލި ޖެހުނު މީހުންގެ ތެރެއިން 79،731 މީހުންވަނީ ރަގަޅުވެފައެވެ.
ރާއްޖެއިން މިހާތަނަށް މި ބަލި ޖެހިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގައި ތިބި ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. ކޮވިޑް19އާ ގުޅިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ.