English Edition
Dhivehi Edition

ސަރުކާރުގެ ސިޔާސީ މުއައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ކެބިނެޓުން ފާސްކޮށްފި އެވެ.

މިއަހަރުގެ ބަޖެޓުގައި ވާގޮތުން ސިޔާސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މުޅި އަހަރަށް ހަރަދުވާނީ 331.72 މިލިއަން ރުފިޔާ އެވެ. އެއީ، މަހެއްގެ މައްޗަށް 27.6 މިލިއަން ރުފިޔާ އެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މި ގޮތަށް ނިންމީ ކޮރޯނާވައިރަސް އާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އިގްތިސާދަށްވެސް ލޮޅުންއަރާފައިވާ މި ދަނޑިވަޅު، ރާއްޖޭގެ އިގްތިސާދު ވެސް ދަށްވެ، ދައުލަތުގެ އާމްދަނީއިން 6.9 ބިލިއަން ރުފިޔާ މަދުވާތީ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ. ކެބިނެޓުން މިއަދު ފާސްކުރި ގޮތަށް، ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ކުޑަކޮށްފިނަމަ މަހެއްގެ މައްޗަށް 5.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ބަލާއިރު 55 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ.

ރާއްޖެއިންވެސް މިހާތަނަށް މި ބަލިޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު ދިވެހި ސަރުކާރުން އަންނަނީ ބަލި ފެތުރިޔަ ނުދިނުމަށާއި ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ.މި ގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ސަރުކާރު ބަންދުކޮށްފައިވާއިރު ދައުލަތުން އެކި ކަންކަމަށް ކުރާ ޚަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރަން ވެސް މިއަދު ކެބިނެޓުން ވަނީ ނިންމާފައެވެ