ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރަށްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަވަމުންގެންދަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް، މިއަދު ޢައްޔަންކުރައްވައިވަނީ ގ.ހާފްސީ އަލްފާޟިލާ މުއުމިނާ އާދަމް އެވެ.
އަލްފާޟިލާ މުއުމިނާ އާދަމް މިމަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ހިޔާގެ ސީއީއޯ އަކަށް މުއުމިނާ ހަމަޖެއްސެވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުލް ހަކީމް އެ މަގާމުން އެކަހެރިކޮށް ބެހެއްޓުމަށް ފަހު އެވެ. މިދިޔަ ޖެނުއަރީ މަހު ޝުކޫރު ސަސްޕެންޑު ކުރީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ.
މުއުމިނާ އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ “ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު”ގެ މެންބަރުކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ، މެންބަރުކަން އަދާކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ މީޑިޔާ ދާއިރާއާ ކުޅިވަރުގެ ދާއިރާގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ.
މުއުމިނާ އާދަމް ވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2014 ވަނަ އަހަރު ޙާޞިލުކުރައްވާފައެވެ. އަދި އޭނާ ވަނީ 2019 ވަނަ އަހަރު ރެހެންދި އެވޯޑުވެސް ޙާޞިލު ކުރައްވާފައެވެ.