English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި،އަތޮޅު ކައުންސިލްތަކާއި، އަދި ރަށު ކައުންސިލްތަކުގެ އިޚުތިޞާޞްތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ކަނޑައަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިނގާފައިވަނީ ލާމަރުކަޒީ އުޞޫލުން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީއާއި، ޤާނޫނު ނަންބަރު 2019/24 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 1-56 ގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚުތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާތީ އެވެ.

އެ ޤަރާރުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞްތަކުގެ މަޢުލޫމާތު މި ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ތަޞްދީޤު ކުރައްވާފައިވަނީ “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އެ އިޞްލާޙުގައި ކައުންސިލްތަކުގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ކަނޑައެޅި، ކައުންސިލްތަކުގައި އަންހެން ބޭފުޅުންގެ ދައުރު ފުޅާކުރުމަށް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ޚާއްޞަކުރެވި، އިދާރީ ދާއިރާތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޫކުރެވިގެންދާނެ ހަމަތައް ބަޔާންކޮށްފައިވެއެވެ.