ދިވެހިރާއްޖެ ލޮކްޑައުން ކުރުމަށް ޢިލްމުވެރިންގެ ގުޅުމުންވެސް ގޮވާލައިފި އެވެ.
ޢިލްމުވެރިންގެ ގުޅުމުން މިގޮތަށް ގޮވާލާފައި މިވަނީ ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުންވެސް މިކަމަށް ގޮވާލާފައި ވަނިކޮށެވެ.
ރާއްޖެ ލޮކްޑައުން ކުރުމަށް ގޮވާލާ ޢިލްމުވެރިންގެ ގުޅުމުން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ފެތުރެމުންދާ ކޮރޯނާ ވައިރަސް މި ދިވެހިރާއްޖޭގައިވެސް ހިފެހެއްޓުމެއްނެތި ފެތުރެން ފަށައިފިނަމަ ދެން ދިމާވާނެ ނުރައްކާތެރިކަމާއި ގެއްލުން ބޮޑުކަމަށްޓަކައި، މުޅި ރާއްޖެ ވަކި މުއްދަތަކަށް ލޮކްޑައުން ކުރުމަށް ރާއްޖޭގެ އިތުބާރު ހުރި ޑޮކްޓަރުން އިލްތިމާސްކޮށް ގޮވާލައްވަމުން ދާތީ، ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުންވެސް އެކަމަށް ތާޢީދު ކުރާ ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ޢިލްމުވެރިންގެ ގުޅުމުން ބުނެފައި ވަނީ ރާއްޖެ ލޮކްޑައުން ކުރުމަށް ގޮވާލާ ގޮވާލުމަކީ ދީނުގެ ޝަރުޢީ މަޞްލަޙަތު މިވަގުތާއި ޙާލަތަށް ނިޔާކުރާގޮތް ކަމުގައި ދިވެހި ރައްޔިތުންނަށް ހާމަކޮށް، ރާއްޖެ ލޮކްޑައުން ކުރުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ފެނިފައިވާއިރު މިހާތަނަށް 13 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެއްވެސް ދިވެއްސަކު މި ވައިރަހަށް ޕޮޒިޓިވް ވެފައި ނުވެ އެވެ.