ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގަރ ނޭމާ ބާސެލޯނާއަށް ވިއްކާލަން ޕީއެސްޖީން އެއްބަސްވެފައިވާ ކަމަށް ބައިނަލްއަޤްވާމީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
މީގެ ދެ އަހަރު ކުރިން ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ގެނައި ނޭމާ އެ ކްލަބް ދޫކޮށްލަން ބޭނުންވެގެން އެންމެ ފަހުން ޓްރާންސްފަރ ވިންޑޯގައި ވެސް ވަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޕީއެސްޖީން ނިންމީ އޭނާ ދޫކޮށްނުލުމަށެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ދަ ސަންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީއެސްޖީން ވަނީ ނޭމާ 136 މިލިއަން ޑޮލަރަށް ބާސެލޯނާއަށް ވިއްކާލުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން އީއެސްޕީއެންގެ ނޫސްވެރިޔާ ހޫލިއެން ލައުރެންސް ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރ ވަނީ މިފަހަރުގެ ސަމަރ ޓްރާންސްފަރ ގައި ނޭމާ ދޫކޮށްލަން ތައްޔާރުވެފައެވެ.
އެހެން ނަމަވެސް ޕީއެސްޖީން ނޭމާ ދޫކޮށްލާނެ އެންމެ ކުޑައަގަކީ 136 މިލިއަން ޑޮލަރު ކަމަށް ބައިނަލްއަޤްވާމީ ކުޅިވަރު ޚަބަރު ގެނެސްދޭ ފަރާތްތަކުން ރިޕޯޓްކުރެއެވެ.
ނޭމާ އަލުން ބާސެލޯނާއާ ގުޅެން ބޭނުންވާކަން މީގެ ކުރިން ހާމަކުރި ނަމަވެސް މިހާތަނަށް އެކަމަށް އޮތް ހުރަހަކީ ޕީއެސްޖީން ބޭނުންވާ ވަރުގެ ބިޑެއް ބާސެލޯނާ އިން ހުށަހަޅާފައި ނުވުމެވެ. އެހެން ނަމަވެސް މިފަހަރު ނޭމާގެ އަގު ޕީއެސްޖީން ދަށްކުރުމުން ބާސެލޯނާއިން ނޭމާ ގެންދާނެ ކަމަށް ބެލެވެއެވެ.
ނޭމާ ވިއްކާލާނެ އަގަކަށް ޕީއެސްޖީން 136 މިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށް ނޫސްތަކުން ރިޕޯޓްކުރި ނަމަވެސް މިކަމާއި ގުޅޭގޮތުން ބާސެލޯނާ އަދި ޕީއެސްޖީން ވެސް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ނޭމާ ގަތުމަށް 130 މިލިއަން ޑޮލަރު ހުށަހެޅި ނަމަވެސް އެ ހުށަހެޅުމަށް ޕީއެސްޖީން ވަނީ ދެކޮޅު ހަދާފައެވެ.
މިދިޔަ ސީޒަނުގައި ވެސް ނޭމާ ގެންދަން ބާސެލޯނާއިން މަސައްކަތް ކުރުމުން ޕީއެސްޖީން ކިޔާފައި ވަނީ 200 މިލިއަން ޑޮލަރުގެ އަގެކެވެ. އެހެންވެ މިފަހަރު 136 މިލިއަން ޑޮލަރަށް ނޭމާގެ އަގު ދަށްކޮށްފާނެ ކަމަށް ނުބެލެވެއެވެ.
ބާސެލޯނާއަށް ނޭމާ ގެނައުމަކީ ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާމޮޓެއޫގެ ޓާގެޓެކެވެ. އަދި އެކަމަކީ ބާސެލޯނާގެ މައި ތަނބުކަމުގައިވާ ކެޕްޓަން ލިއޮނަލް މެސީ ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށް ވެއެވެ.
ނޭމާ ޕީއެސްޖީއަށް ބަދަލުވީ މެސީގެ ހިޔަނިން ސަލާމަތްވެ އޭނާގެ އަމިއްލަ ކެރިއަރު ކޮޅަށް ޖެހުމަށް ކަމަށް ބުނެއެވެ. އެހެން ނަމަވެސް ޕީއެސްޖީގައި ނޭމާ އަށް އަނިޔާ އާއި އެހެނިހެން ހުރަސްތައް ކުރިމަތިވެ އެ އުއްމީދު ހާސިލުވެފައެއް ނުވެއެވެ.