މިއަދު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި 2 މީހުންނާއި އެކު ދަތުރު ކުރަމުންދާ އައިލެންޑް ސަފާރީ ގއ. ވިލިނގިލީގައި ބަނދަރު ކޮށްފިއެވެ.
އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އެކަހެރިކުރި ދެ މީހުންތިބި ސަފާރީވަނީ ކަރަންޓީން ކޮށްފައި ކަމަށް މިއަދު ކުރިއަށް ދިޔަ ޕްރެސް ބްރީފިންގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކިއެކި ޞަރަޙައްދު ތަކުގައި ގިނަ ޢަދަދަކަށް ސަފާރީތައް ބަނދަރު ކުރެވިފައިވާ މިދުވަސް ވަރުގައި، އެ ސަފާރީތަކުން ސަރުކާރުން އަންގާ އެންގުންތަކަށް ޢަމަލު ކުރަމުން ނުދާކަން ފާހަގަވެފައިވެއެވެ.
ސަފާރީ ތަކުގެ މުވައްޒަފުން އަދި ގެސްޓުންވެސް ޢާއްމުން އުޅޭ ރަށްތަކަށް ފައިބާ ރަށު ތެރޭގައި އުޅޭ މަންޒަރު ދަނީ ފެންނަމުން ނެވެ. މިއަދު ހެނދުނާއި ރޭގެ ވަގުތުތަކުގައި އައްޑޫސިޓީ ފޭދޫގެ މަގުތަކުގައިވެސް ފަތުރުވެރިން އުޅެމުން ދިޔައިރު މަޢުލޫމާތު ލިބިފައިވާ ގޮތުން އައިލެންޑް ސަފާރީވެސް ވަނީ ފޭދޫ ބޭރުގައި މަޑު ކޮށްފައެވެ. މި ސަފާރީ އިއްޔެ ފުވައް މުލަކުގައި ބަނދަރު ކުރަން އުޅުމުން އެރަށުން އެކަމަށް ނުރުހުން ފާޅު ކުރި ވާހަކަވެސް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވަނީ ކުރެއްދޫން ފަސް މީހުން، ބަތަލާ ރިސޯޓުން ދެމީހުން، ކުރަމަތިން ދޭއް، އަނަންތަރާ ދިގު ރިސޯޓުން ދޭއް އަދި އައިލެންޑްސަފާރީން ދެ މީހުންނެވެ. މި އެންމެންނަކީ ވެސް ބިދޭސީން ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އިން ފުރަތަމަ ކޮވިޑް-19 ބަލީގެ މީހުން ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުން ފުރަތަމަ އެ ބަލި ފެނުނީ އެ ތަނުގައި މަސައްކަތް ކުރާ ދެ ބިދޭސީއެއްގެ ގައިންނެވެ. އޭގެ ފަހުން ވެސް ކުރެއްދޫގެ އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވި އެވެ.