English Edition
Dhivehi Edition
ސިވިލް ސަރވިސް ކޮމިޝަންގެ ކައުންޓަރުން ޚިދުމަތް ދެނީ - ފޮޓޯ: މިނިވަން ނިއުސް އާކައިވް

މިއަދުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް އީމެއިލް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސީއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ “ކޮވިޑް-19” ރޯގާއާ ގުޅިގެން ކޮމިޝަނުގެ އިދާރާއިން ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތައް ވީހާވެސް މަދުކުރުމުގެ ގޮތުން މިއަދުން ފެށިގެން އެ ކޮމިޝަނުގެ އިދާރާއަށް އާންމު ފަރާތްތަކުންނާއި ސަރުކާރުގެ އިދާރާތަކުން އީމެއިލް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ލިޔެކިޔުންތައް ފޮނުވަންޖެހޭނީ އެ ކޮމިޝަނުގެ އީމެއިލް [email protected] އަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ސީއެސްސީން މިގޮތަށް ނިންމާފައިވާއިރު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 އަދިވެސް ކޮންޓްރޯލް ނުކުރެވި ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާއިރު، މިހާތަނަށް ދުނިޔެއިން 158,379 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. އަދި 75,954 މީހަކު އެ ބަލިން ރަނގަޅުވެފައިވާއިރު، 5،846 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.