English Edition
Dhivehi Edition

ރާއްޖޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމަށް 38 ބޭފުޅަކު ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.

ލޯކަލް ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލް އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފެވެ. ކޮންމެ ކައުންސިލެއްގައިވެސް ސެކްރެޓަރީ ޖެނެރަލެއް ހުންނަންޖެހެއެވެ. އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު އެސްޖީންގެ ޝަރުތުތަކުގެ ތެރޭގައި ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ކިޔަވާފައިވުން ހިމެނެއެވެ

ސިވިލް ސަރވިސް ކޮމިޝަނުން އެންމެ ފުރަތަމަ އެސްޖީންގެ މަޤާމަށް ހުޅުވާލީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު އެކޮމިޝަނުން 200 ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަށް ހުޅުވާލިއެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީއާއި ހަމައަށް އައްޔަން ކުރެވިފައިވަނީ 159 ސެކްރެޓަރީ ޖެނެރަލުންނެވެ.

ކައުންސިލްތަކަށް އެސްޖީން ހޯދަން އެ ކޮމިޝަނުން އިއުލާންކުރަނީ ބައެއް ކައުންސިލްތަކުން އެސްޖީންގެ މަގާމުގައި ތިއްބަވާ ބޭފުޅުން އިސްތިއުފާ ދެއްވުމާއި، ބައެއް ރަށްރަށުގައި އެ މަޤާމަށް ޝަރުތު ހަމަވާ މީހުން ނުލިބުމާއި ގުޅިގެންނެވެ.

ސީއެސްސީން މިފަހަރު އިއުލާން ކޮށްފައިވަނީ 38 ރަށު ކައުންސިލް އިދާރާއަކަށް މީހުން ހޯދުމަށެވެ. މީގެތެރޭގައި ތިން އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ ރަށްރަށް ހިމެނެއެވެ.

އެސްޖީންގެ ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285 ރުފިޔާއެވެ.

ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ދަތިވެފައިވާތީ، ސިވިލް ސާރވިސް ކޮމިޝަނުން ވަނީ އެމަޤާމުގެ ޝަރުތުގެ ތެރޭގައި ޑިގްރީ އޮތް މީހަކަށް ވާންޖެހޭކަމަށް ބަޔާންކޮށްފައި އޮތް އޮތުން ދަށްކޮށް، ޑިޕްލޮމާގެ ފެންވަރު މީހުންނަށްވެސް ކުރިމަތިލެވޭގޮތަށް ބަދަލުކޮށްފައެވެ.

އެހެންކަމުން މި މަޤާމަށް ފޯމު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 13ވަނަ ދުވަހުގެ 13:00އާއި ހަމައަށް ފޯމު ހުށައެޅުމަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.