ކޮރޯނާވައިރަސް އާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ އިގްތިސޯދަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު ސިދާ ގޮތުންނާއި ނުސިދާ ގޮތުންވެސް މިކަމުގެ ނޭދެވޭ އަސަރު ގައުމަތަކަށްދަނީ ކުރަމުންނެވެ. އެތައް ދުވަހެއްކުރިން ރާވާ އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޮޑެތި ހަފްލާތަކާއި މުބާރާތްތައް މިވަނީ ފަސްކޮށްފައެވެ. މި ގޮތުން ކޮވިޑ-19 އާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވަމުން އަންނަ ބޮޑެތި ފުޓްބޯޅަ މުބާރާތްތައްވެސް މި ވަނީ މެދުކަނޑާލާފައެވެ.
ކޮރޯނާވައިރަހާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އޭޕްރިލް 4 ވަނަ ދުވަހުގެ ނިޔަލަށްވަނީ މެދުކަނޑާލާފައެވެ. ޕްރިމިއާ ލީގުން ބުނީ އެންމެންނަށް އިއްތިފާގުން އޭޕްރިލް 3 ވަނަ ދުވަހު އަލުން ފެށުމުގެ ނިޔަތުގައި، މިވަގުތަށް ލީގު މެދުކަނޑާލަން ނިންމި ނަމަވެސް އެ ތާރީހުގައި ލީގު ފެށުން ބިނާވާނީ ސިއްހީ ލަފައަށާއި އެ ވަގުތުގެ ހާލަތަށް ކަމަށެވެ.
މީގެ އިތުރުން ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރޭގައި ހިމެނޭ ސްޕެނިޝް ލީގުވަނީ މަދުވެގެން ކުރިއަށް އޮތް ދެ ހަފުތާ އަށް ސަސްޕެންޑްކޮށްފައެވެ. އިޓާލިއަން ލީގު 03 އެޕްރީލާއި ހަމައަށް މެދުކަނޑާލާފައިވާއިރު ނެދަލޭންޑް ލީގް މި މަހު 31 ހާ ހަމައަށް މެދުކަނޑާލާފައެވެ، އަދި ފްރާންސް ލީގު ވެސް ވަނީ މެދުކަނޑާލައިފަ އެވެ.މީގެ އިތުރުން ޕްރިމިއާ ލީގުގެ ދަށުން އޮންނަ ވިމެންސް ސުޕަ ލީގު ކުޅުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ޖަރުމަން ފުޓްބޯޅަ ލީގާއި އެ ގައުމުގެ ދެ ވަނަ ޑިވިޝަނުގެ ކުޅުން ވެސް ވަނީ މެދުކަނޑާލަފައެވެ. ޖަރުމަނުން ކުރިން ނިންމާފައި އޮތީ މި ހަފްތާ ބަންދުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅުމަށް ފަހު ހޯމަ ދުވަހުން ފެށިގެން ލީގު މެދުކަނޑާލާ ގޮތަށެވެ. އެކަމަކު ބަލި ފެތުރޭ ނިސްބަތް އިތުރުވުމާ އެކު ކުއްލި ނިންމުމެއް ނިންމީ އެ ގައުމުންވަނީ ލީގު މެދުކަނޑާލާފައެވެ. ޖަރުމަން ލީގުން ބުނީ ބޭނުންވަނީ ހޫނު މޫސުމުގެ ކުރިން ސީޒަން ނިންމާލަންކަމަށާއި އެހެންނަމަވެސް ގިނަ ޓީމުތަކަށް ބާކީ ނުވަ މެޗު އެބައޮތް ކަމަށެވެ.
ޔުއެފާ އިން ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ވެސް މެދުކަނޑާލަން ނިންމައިފައިވާއިރު ޔުއެފާ އިން ބުނީ މެޗުތައް ދެން ރާވާނެ ދުވަހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ. މި ދެ މުބާރާތުގެ މެޗުތައް ފަސްކުރުމާ މެދު ޔުއެފާ އިން އަންގާރަދުވަހު ބޭއްވުމަށް ނިންމާފައިވާ ކުއްލި ބައްދަލުވުމުގައި މަޝްވާކުރާނެ އެންމެ މުހިއްމު ކަމަކީ ޖޫން މަހު ފަށަން ތާވަލުކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމެވެ.