English Edition
Dhivehi Edition

ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އެ ބައްޔަށް ޝައްކު ކުރެވޭ މީހުން ފެނުނު އަށް ރިސޯޓަކުން މުވައްޒަފުން އަރާ ފޭބުން މަޑުޖައްސާލައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، އެޗްޕީއޭގެ ނިންމުމާއި އެއްގޮތަށް ބައެއް ރަށްރަށުން މުވައްޒަފުން އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. މި ގޮތުން މީހުން އެރާ ފޭބުން މަނާކޮށްފައިވާ ރަށްތަކަކީ ކުރެއްދޫ، ސަމަރ އައިލެންޑް، ބަތަލާ، އިރުވެލި، ކުރަމަތި، ވިލަމެންދޫ، ސަންގިލީގެ އިތުރުން ސިކްސް ސެންސަސް ލާމެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ އެ ރަށްރަށުން މީހުން އަރާ ފޭބުން މަޑުޖައްސާލާފައިވަނީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްކަމަށެވެ. އަދި މި އެޅި ފިޔަވަޅުގެ ސަބަބުން ބަލި ކޮންޓްރޯލްވެގެންދާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށް މަބްރޫކް ވިދާޅުވިއިރު އެ ރަށްރަށަށް މީހުން އަރާ ފޭބުން މަޑުޖައްސާލާފައިވަނީ ކިހާ މުއްދަތަކަށްކަން ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ނުވަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު ދިވެހި ސަރުކާރުންވަނީ ބަލި ކޮންޓްރޯލްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެެއް އަޅާފައެވެ.