English Edition
Dhivehi Edition

ޤައިދީންނާއި އާއިލީ އެކަހެރި ބައްދަލުވުންތައް ބޭއްވުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މެދުކަނޑާލައިފި އެވެ.

މިއަދު ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދާ ކޮޑް-19 އާ ގުޅިގެން، ދިވެހިރާއްޖޭގައި 30 ދުވަހަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ސަރުކާރުން އިޢުލާން ކުރުމާ ގުޅިގެން މި ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންގެ އިތުރުން ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.
ކަރެކްޝަނުން ބުނީ ޢާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ކަމަށާއި ޖަލުތަކުގައި ތިބި ޤައިދީންނަށާއި ބަންދުމީހުންނަށް، ޢާއިލާގެ ފަރާތުން އަންނައުނު ފޯރުކޮށްދިނުން ވެސް ވަގުތީ ގޮތުންމެދު ކަނޑާލެވިފައިވާކަމަށެވެ.
އެހެން ނަމަވެސް، މިނާޒުކު ޙާލަތުގައި ޢާއިލާއާ އޮންނަ ގުޅުން ބަދަހިކޮށް، އިތުރު ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން މިހާރު ފޯން ކޯލް ދެމުންދާ މިންވަރު އިތުރު ކުރުމަށް ނިންމާފައިވާކަމަށް ކަރެކްޝަނުން ބުންޏެވެ.
ރާއްޖެއިން 8 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު މިއަދު ސަރުކާރުން ވަނީ 30 ދުވަހަށް ޞިއްޙީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. އަދި ސްކޫލްތައް ހުޅުވުން 1 ހަފްތާއަށް ވަނީ ލަސްކޮށްފަ އެވެ.