English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން ވަގުތީގޮތުން އަރާފޭބުން ހުއްޓުވި ތިން ރިސޯޓް ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީސް ބަތަލާ އަދި ކުރަމަތި މޯލްޑިވްސް އަލުން ހުޅުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ތިން ރިސޯޓް ހުޅުވާލި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރުވެސް އެ ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަޙައްދެއްގައި އެކަހެޔޮކޮށް ބެހެޢްތުމުގެ އިންތިޒާމް އެ ރިސޯޓްތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެގޮތުން އެކަހެރިކޮށްފައިވާ ފަރާތްތައް ޢަމަލުކުރާނެ ގޮތާ ބެހޭގޮތުން އެކުލަވާލެވިފައިވާ އުސޫލުތަކާއި ޕްރޮސީޖާތަކާ އެއްގޮތަށް އެމީހުން ޢަމަލުކުރަމުންދޭތޯ ރިސޯޓްގެ މެނޭޖްމަންޓުން ބަލާ ކަށަވަރު ކުރަމުންދާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން އެ ރިސޯޓްތަކުން މީހުން ފޭބުމުގެ ކުރިން ‘އެގްޒިޓް ސްކްރީން” ކުރެވޭނެ ކަމަށާއި، އެ ބަލިން ރައްކާތެރިކުރުމަށްޓަކައި އަޅާ ފިޔަވަޅާއި އެބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތްތައް ތަންފީޒް ކުރުމަށް ޞިއްޙީ މުވައްޒަފަކު ރިސޯޓްގައި ޙަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެ ބަޔާނުގައި އެޗްޕީއޭ އިން ބުނެފައި ވެއެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ ‘ޕެންޑަމިކް’އެއް ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ކަނޑައަޅައިފަ އެވެ. މިއީ ކޮރޯނާވައިރަސްއަކާ ގުޅިގެން ‘ޕެންޑަމިކް’ ކަނޑައެޅި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ބައްޔަށް ރާއްޖެއިންވެސް މިހާތަނަށް 08 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.