ކޮވިޑް-19 އާއި ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި ޒިންމާދާރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މީޑިއާތަކަށް އިލްތިމާސްކޮށްފި އެވެ.
އެޗްއާރްސީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލި ޖެހިފައިވާ މީހުން ރާއްޖެއިން ފެންނަމުންދާތީ، މި ދަނޑިވަޅުގައި ފަރުދީ ޒިންމާ އިސްކޮށް، އަނެކާއަށް އަޅާލައި އެއްބައިވަންތަކަން އިސްކޮށް، ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އެންމެހާ ފަރާތްތަކުގެ ޢަމަލުތައް ބެހެއްޓުން މުހިންމުކަން ފާހަގަކޮށްފައެވެ.
އެގޮތުން މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ސިއްޙީ ޚިދުމަތްތައް ދޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ބަލިން ރައްކާތެރިވުމަށް ކޮންމެ ފަރުދަކުވެސް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ބެހޭ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން ނުއުފެދޭނެހެން، ޞައްޙަ ތެދު މަޢުލޫމާތު، ޒިންމާދާރުކަމާއެކު ގެނެސްދިނުމަށްވެސް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު ކޭސްއަކީ މި ވައިރަސް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ކޭސްތަކެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ތިބި އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.
މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 114,430 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 4,027 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.