ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ކުރިއަށް ގެންދާ ދެ ޕްރޮގްރާމެއް ރޭ ފުވައްމުލައް ސިޓީގައި އިފްތިތާހްކޮށްފިއެވެ.
ފުވައްމުލައް ސިޓީގެ ހާފިޒް އަހުމަދް ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހްކޮށްފައި ވަނީ އެ ކޮމިޝަނުން ކުރިއަށް ގެންދާ އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް އަދި ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމެވެ. މި ދެ ޕްރޮގްރާމް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެޗް.އާރް.ސީ.އެމް އިން އޭއޯ ނިއުސް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަދުހަމް މައުލޫމާތު ދެއްވި ގޮތުގައި އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމަކީ އިންސާނީ ހައްގުތަކުގެ ސަގާފަތެއް މުޖުތަމައުގައި އަށަގެންނެވުމަށް އެކި ޓާގެޓް ގްރޫޕްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ކޮމިޝަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމުގެ ގޮތުން އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތެރެއަށް ފުޅާކޮށް ދެމެހެއްޓެނިވިގޮތެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢައްތައް ބާރުވެރި ކުރުމުގެ ގޮތުން ކޮމިޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވެސް އަދްހަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަދްހަމް ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ކައުންސިލްތަކާއި ގުޅިގެން އަތޮޅުތެރޭގައި ދޭ އިޖްތިމާޢީ އަދި އިގްތިސާދީ ޚިދުމަތްތައް ހަރުދަނާކޮށް އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖްތަމަޢެއް ބިނާކުރުމަކީ މި ޕްރޮގްރާމުގެ އެއް މަގުސަދުކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ރައްޔިތުންނަށް އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގެ ޒިންމާ އޮތްފަރާތްތަކާއި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމާއި، އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ޒިންމާ ދާރު ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކޮށް އިންސާނީ ޙައްޤުތަކުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަޝްވަރާ ބައްދަލުވުން ތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ވަކިވަކިން މެންބަރުން ބައްދަލު ކުރުމާއި ވިޔަފާރިވެރިންނާއި މަދަނީ ޖަމްއިއްޔާތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ސްކޫލް ދަރިވަރުނާ، ބެލިވެރިންނާ، ޓީޗަރުންނާއި ދައުލަތުގެ މުވައްޒަފުން އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކޮށް ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރުން އިތުރު ކުރުމަށްޓަކައި މައުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ސްކޫލްތަކުގެ ދަރިވަރުންގެ ސެޝަން ބެލެނިވެރިންނާއި މުދައްރިސުންގެ ސެޝަން (ކުޑަކުދިންގެ ޙައްޤުތަކާ އެންޓީ ބުލީއިން) އާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި ދައުލަތުގެ ކަމާއިގުޅޭ މުއައްސަސާތައް އެންޓި ޓޯޗަރ ޤާނޫނު 2013 އަށް ހޭލުންތެރިކުރުމަށް ބާއްވާ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްތަކުގެ ދަށުން އާންމު ރައްޔިތުންނާ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ޝަކުވާ ހުށައެޅުމާއި އިންސާނީ ހައްޤުތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި އިންސާނީ ޙައްޤުތަކުތައްކަށް އުނިކަން އަންނަ ހިނދު ޙައްޤުތައް ހޯދުމަށް ޤާނޫނީ އެހީތެރިކަމާ ލަފާ ފޯރުކޮށްދިނުމާއި އިންސާނީ ޙައްޤުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިފްތިތާހްކުރެވުނު މި ޕްރޮގްރާމްތަކުގެ ދަށުން އެކި ޓްރެއިނިންގް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުވައްމުލަކުގައި އިންސާނީ ޙައްޤުތަކަށް ހޭލުންރިވެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ފަރާތްތަކެއް ބިނާކުރުމަށްޓަކައި ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ އެއް ދުވަހުގެ އޮންލައިން ޓްރެއިނިންގް ޕްރޮގްރާމަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އޮންލައިންކޮށް އެއްދުވަހުގެ ޕްރޮގްރާމެއް ހިމެނެއެވެ.
މި ޕްރޮގްރާމްތައް ފުވައްމުލައް ސިޓިގައި ހުންނަ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި ވިޔަފާރިވެރިން ގުޅިގެން އާންމު ރައްޔިތުންނާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިއުމަން ރައިޓްސް ފެއަރ އެއް 19 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ފެއަރގެ މަގުސަދުތަކުގެ ތެރޭގައި އެޗް.އާރް.ސީ.އެމް އިން ހާމަކޮށްފައިވަނީ އިންސާނީ ޙައްޤުތައް ކުރިއަރުވައި، ޙައްޤުތައް ހޯދުމުގައި އެހީތެރިވާނެ ފަރާތްތައް އެނގުމާއި އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކުން އަދި މަދަނީ ޖަމްއިއްޔާތަކުން ހިންގާ ޕްރޮގްރާމްތަކާއި އަދި ދެވޭ ޚިދުމަތްތަކުގެ މައުލޫމާތު އެންގުމުގެ އިތުރުން އާއިލާތަކަށް އެއްތަންވެ އުފާވެރި މާހައުލެއް ހޯދައިދިނުމެވެ.