ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކޮރޯނާގެ ޕޮޒިޓިވް 2 ކޭސްއެއް ފެނުމާއި ގުޅިގެން 93 މީހަކު ރޫމް އައިސޮލޭޝަންގައި ބަހައްޓާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅޭގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ ދެ ރިސޯޓްގައި ރޫމް ކަރަންޓީނު ކޮށްފައި ތިބި މީހުން މޮނީޓާ ކުރަމުންދާ ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ޙާލަތާއި ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގިފައިވަނީ 24 ފަރާތެއްގެ ކަމަށެވެ. އަދި އޭގެ ތެރެއިން ޕޮޒިޓިވްވީ 2 ފަރާތެއް ކަމަށާއި 20 ފަރާތެއް ނެގެޓިވްވެފައި ވާއިރު، 2 ފަރާތެއްގެ ސާމްޕަލްގެ ނަތީޖާ ލިބިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ފަރުކޮޅުފުށީގައި 8 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށާއި، އިތުރު 2 ފަރާތެއް ކަރަންޓީންގައި އެބަތިބި ކަމަށެވެ. އަދި ކުރެއްދޫގައި 93 ފަރާތެއް ރޫމް އައިސޮލޭޝަންގައި ބަހައްޓާފައިވާ އިރު، ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި މިހާތަނަށް ކުރެއްދޫއިން 80 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ބަތަލާ ރިސޯޓް ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އެ ރަށަށް ލޮކްޑައުންކުރީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ ޓޫރިސްޓަކު ކޮރޯނާއަށް ޝައްކުވެގެންނެވެ. އޭނާގެ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.
ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާ އެ ރަށަށް ދިޔަ ފަހުން ހުން އައިސް ހުރުމުން އޭނާ މީގެކުރިން ބެހެއްޓީ ގޭގައި އެކަހެރިކޮށްފަ އެވެ. އަދި އޭނާގެ ހާލަތު އެޗްޕީއޭއިން ދަނީ ކައިރިން ބަލަމުންނެވެ