English Edition
Dhivehi Edition

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަނަން ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 100,379 އަށް އަރައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފެތުރެމުން އަންނަ މި ވައިރަސް ދުނިޔޭގެ 94 ޤައުމަކުން މިހާތަނަށް ފެނިފައިވާއިރު މި ބަލި ޖެހިގެން މަރުވާމީހުންގެ އަދަދުވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިއަދާއި ހަމައަށް މިވައިރަސް ޖެހިގެން 3,400 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މި ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިންނެވެ. އެގޮތުން އެ ޤައުމުން މި ވައިރަސް ޖެހިގެން 3،000 ހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެ ޤައުމުގެ 80،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައެވެ.

ދުނިޔޭގެ އާބާދީ ބޮޑު ޤައުމުތަކުންވެސް މި ވައިރަސް ފެނިފައިވާއިރު ބައެއް ޤައުމުތަކުން ވަނީ އެއްވެއުޅުން މަނާކޮށް ސްކޫލްތަކާއި ކޮލެޖްތައްވެސް ބަންދު ކޮށްފައެވެ. މި ވައިރަސް ފެނުނު ޤައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިޔާ، ސައުތު ކޮރެއާ ހިމެނެއެވެ.

އެއްދުވަސް ތެރޭގައި ފްރާންސުން ވަނީ 138 މީހުންނަށް ވައިރަސް ޖެހިފައެވެ. އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 423 އަށް އަރައިފަ އެވެ. އަދި މި ވައިރަސް ޖެހިގެން އެ ޤައުމުން މީހުންވެސް ވަނީ މަރުވެފައި އެވެ.

ބެއިޖިންގް އިން ވައިރަސްގެ 422 ކޭސް ވަނީ އިއްޔެގެ ނިޔަލަށް ރިޕޯޓުކޮށްފައެވެ. އިއްޔެވެސް 4 މީހުންނަށް އެޤައުމުން ވައިރަސް ޖެހިފައިވާއިރު ވައިރަސް ޖެހުނު އެންމެންނަކީވެސް އިޓަލީވިލާތުން ބެއިޖިންއަށް ދިޔަ މީހުންނެވެ.