English Edition
Dhivehi Edition

ހުޅުދޫގައި މަޑުޖެހިފައިވާ ތަރައްޤީގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޥޯޓު ދެއްވުމަށް ހުޅޫދޫ ރައްޔިތުންގެ ކިބައިން މޫސާ ބުޝްރީ އެދިވަޑައިގެންފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް، އައްޑޫ ސިޓީ އިން ވާދަކުރައްވާ ކެންޑިޑޭޓުންގެ ގުރު ނެގުމުގެ ރަސްމިއްޔާތަށް ފަހު ‘އޭއޯ ނިއުސް’ އާއި ވާހަކަދައްކަމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ބުޝްރީ ވިދާޅުވީ އޭނާ މި އިންތިހާބުގައި ވާދަކުރެއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުދޫގެ ތަރައްޤީ އިތުރު އާ ހަރުފަތަކަށް ގެންދިއުންކަމަށެވެ.

.މިއަދު ބޭއްވި ގުރު ނެގުމުގައި މޫސާ ބުޝްރީއަށް ކެންޑިޑޭޓު ނަންބަރު 07 ލިބިފައިވާއިރު، މޫސާ ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ހުޅުދޫގައި ބޭއްވި ޖަލްސާގައިވެސް ހުޅުދޫއަށްޓަކައި އޭނާގެ ތަސައްވަރު ހާމަކުރައްވާފައެވެ. މި ގޮތުން ރަށުން ބޭރުގައި ދިރިއުޅޭ ރައްޔިތުން އަލުން އަބުރާ ރަށަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިއަދު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ކޮންފަރެންސް ރޫމްގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރައްވާ ބާރަ ކެންޑިޑޭޓުންގެ ތެރެއިން އެގާރަ ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީއަށް ވާދަކުރައްވާ ދިހަ ކެންޑިޑޭޓުންގެ ތެރެއިން އަށް ކެންޑިޑޭޓުންގެ ގުރު ނެގުން ވަނީ ކުރިއަށް ގެންފޮސްފައެވެ.