English Edition
Dhivehi Edition

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން 10 ޤައުމަކުން މީހުން މަރުވެފައިވާކަން ހާމަވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ހުބޭއި ޕްރޮވިންސުގައި އޮންނަ ވުހާން ސިޓީ އިން ފުރަތަމަ ފެނުނު މި ވައިރަސް މިއަދާއި ހަމައަށް ދުނިޔޭގެ 50 އަށްވުރެ ގިނަ ޤައުމުން ފެނިފައިވާއިރު ވައިރަހަށް 90،000 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދާއި ހަމައަށްވެސް މި ވައިރަހަށް ބޭހެއް އުފެއްދިފައި ނުވާއިރު ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3000 އަށް އަރައިފަ އެވެ.

ވައިރަސް ޖެހިގެން މަރުވި މީހުންގެ ތެރެއިން 90 އިންސައްތަ މީހުން މަރުވެފައި ވަނީ ޗައިނާގެ ހުބޭއި ޕްރޮވިންސުންނެވެ. އީރާނުން 50 އަށްވުރެ ގިނަ މީހުން އަދި އިޓަލީއިން 30 ހަށްވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. ޗައިނާއަށްވުރެ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަނުން ބުނީ ވައިރަސް ޖެހޭ މީހުންގެ މިންވަރު ގިނަވިކަމުގައި ވިޔަސް އެމީހުންގެ ގައިން ވައިރަސްގެ އަސަރު ފެންނަނީ ކުޑަކޮށް ކަމަށެވެ.

ސައުތުކޮރެއާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 4،212 އަށް އަރައިފަ އެވެ. މިއީ ޗައިނާ ފިޔަވައި އެންމެ ބޮޑަށް ވައިރަސް ފެތުރިފައިވާ އެއް ޤައުމެވެ.

ވައިރަސް ޖެހިގެން އެންމެ ގިނައިން މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.ހިތުގެ ބަލި ހުންނަ މީހުން އެންމެ ގިނައިން ވައިރަސް ޖެހިގެން މަރުވެފައިވާއިރު އެންމެ ގިނައިން މި ވައިރަސް ޖެހިގެން މަރުވަނީ ފިރިހެނުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ބުނެފައި ވަނީ އެންމެ ބޮޑަށް ވައިރަސް ޖެހިފައި ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.