އިދިކޮޅުގެ ސައިޒު ދައްކާލި އެއްވުން ބައެއް މީހުންނަށް ވަރަށް ހިތި ކަަމަށާއި އަނެއް ބަޔަކަށް ވަރަށް ފޮނިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ހުކުރުދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއާއި އެކު ސަރުކާރާއި އެމްޑީޕީއަށް ތާއިދުކުރާ ފަރާތްތަކަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ އިރު މި ޖަލްސާއާއި އެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ފޮޓޯތައްވެސް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އަދި އިދިކޮޅުން ބިޔަ ބޮޑު ޖަލްސާއެއްް ބޭއްވިނަމަވެސް އިންތިހާބުކުރާނީ އެމްޑީޕީއިން ކަމަށް އެ ޕާޓީގެ ސަޕޯޓަރުންވަނީ ބުނެފައެވެ.
މި ވާހަކަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މި ޖަލްސާގެ އަސަރު ސަރުކާރަށް ވަރަށް ބޮޑަށް ކޮށްފައިވާކަމަށެވެ. އަދި ދުރުގައި ބަލަން ތިބި ބަޔަކަށް އެ ޖަލްސާގައި ތިބި މީހުންގެ ޖޯޝާއި ފޯރިއެއް ނޭނގޭނެކަމަށްވެސް އާދަމް ޝަރީފްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޖަލްސާއަށް ރަށްރަށުންނާއި ރާއްޖެއިން ބޭރުން މީހުން ގެނެސްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ޖަލްސާގައި ތިބީ މުޅިން ވެސް ބޭރު ގައުމުތަކުގެ މީހުން ކަމަށް ބުންޏަސް މައްސަލައެއް ނެތް ކަމަށެވެ.
ޕީޕީއެމްއިން ބޭއްވި ޖަލްސާގެ ފޯރިގަދަވެ ސޯޝަލް މީޑިއާގައިވެސް ބޮޑު ބަހުސެއް ފެށިފައިވާއިރު ޕީޕީއެމްއަށް ސަޕޯޓްކުރާ ފަރާތްތަކުން ބުނީ ޖަލްސާ އިން ފެނުނީ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވައިލުމާއި އެ އިންތިޚާބަށް ވި ވައުދުތައް ނުފުއްދުމުގެ ނަތީޖާކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ސްޕީޑުގައި މަޝްރޫއުތައް ނުހިންގުމާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކުން ރައްޔިތުން ރުޅިއެރުވުމާއި ދައުލަތުގެ ބަޖެޓް ވަކި ބަޔަކަށް ބަހައި ހުސްކުރުން ފަދަ ގޯސް ފިޔަވަޅުތަކުގެ ނަތީޖާ ކަމަށްވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ. މި ވާހަކަތަކަށް ރައްދު ދެމުން އެމްޑީޕިއަށް ތާއިދުކުރާ ފަރާތްތަކުން ބުނީ މީގެ ކުރިން ވެސް ޕީޕީއެމުން ޖަލްސާތަކުގައި ސައިޒު ދެއްކި ކަމަށެވެ.