English Edition
Dhivehi Edition

ދިނާއި ސިޔާސަތު ވަކި ކުރުމަށް ކުރާ މަސައްކަތްތަކަށް ދެކޮޅު ހެދުމަކީ ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޭ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި، ވިދާޅުވީ ސެކިއުލާ ވިސްނުމާއި، އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ހައްދު ފަހަނައަޅާފައިވާ ކަންކަމަށް ދެކޮޅު ހެދުމަކީ ހޭޓްސްޕީޗް ނޫން ކަމަށެވެ. އަދި އިސްލާމް ދީނުގައި ހޭޓް ސްޕީޗް ހުއްދަ ނޫންކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެކަންކުރާ ބަޔަކު ރައްޔިތުންނަށް އެގޭނެ ކަމަށެވެ. “ސެކިއުލަރިޒަމް ނުވަތަ އެކްސްޓްރީމިޒަމް ފެތުރުމަށް ހިންގާ ކަންކަމާއި ދެކޮޅަށް ވާހަކަދެއްކުމަކީ ހޭޓްސްޕީޗްކުރުމެއް ނޫން. “އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ އެހެން ދީންތަކަށް ހިތްވަރުދިނުން ބަލައި ނުގަނެވޭނެކަމަށެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމައުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ދިވެހި ފުލުހުންނަށް ގޮވަލުމާއި ގުޅިގެންނެވެ.