English Edition
Dhivehi Edition

“އައްޑޫ ސިޓީއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރަން އިއުލާންކުރާނެ ދުވަހެއްގެ އިންތިޒާރުގައި ހުއްޓާ ރިޔާސީ އިންތިހާބު ނިމި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި، ސަރުކާރުން ބިން ދޫކުރާ ހަބަރު ލިބުމާއެކު އަވަސްވެގަތީ އެކަމަށް ބޭނުންވާ ސާމާން އެއްކުރުމަށެވެ. ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެ ކިޔުމެއް ހަމަކުރުމަށް އަތުން ދުއިސައްތަވަރަކަށް ރުފިޔާ ދިޔަނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓީ ގޯއްޗެއް ބޭނުންވެފައި ހުރިވަރުންނެވެ. އޭރުވެސް އައްޑޫ ސިޓީކައުންސިލުން އެ ފޯމުތައް ބާތިލުކުރާނެ ވާހަކަ ތުންތުން މަތިން ދެކެވެމުން ދިޔަ ނަމަވެސް ޔަގީންކޮށްގެން ހުރީ އައްޑޫ ސިޓީ ކައުންސިލުން، ރައްޔިތުންގެ އިހްސާސް ތަކަށް އިހްތިރާމްކުރާނެ ކަމަށެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ގިނަކަމާއެކު މައްދަތު ހަމަވުމުގެ ކުރިން ފޯމު ލެވުނީވެސް ހަމަ ކިރިޔަކިރިޔާ އެވެ. އެހާ ހިސާބުން ދުވަސްތައް ގުނަން ފެށީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ ލިސްޓް އާންމުކުރާނެ ވަގުތަކަށެވެ.

އެހެންނަމަވެސް ދެން އިވިގެން ދިޔަ ހަބަރާއެކު ލިބުނީ ބޮޑު މާޔޫސްކަމެކެވެ. ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންގެންދަނީ ރިޔާސީ އިންތިޚާބު 2018 ގައި ޕީޕީއެމަށް ކެމްޕެއިންކޮށް ދިން ފަރާތްތަކަކަށް ބިން ދިނުމުގެ މަގުޞަދުގައި ކަމަށްބުނެ މި ގޯތިތަކާއި ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންދަނީ އައްޑޫގެ ލޭންޑްޔޫސް ޕްލޭނާއި ޚިލާފަށްކަމަށް ތުހުމަތު ކުރެވޭތީއާއި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ފަރާތުން މިފަދަ ކަންކަން މަޑުޖައްސާލުމަށް އަންގަވާފައިވަނިކޮށް އަވަސްއަރުވާލައިގެން މިފަދަކަމެއް ކުރަން އުޅުމަކީ ވަކިފަރާތަކަށް ނަޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ކުރެވޭކަމެއްކަމަށް ބުނެ ކައުންސިލުން މި ފޯމުތައް ‘ޑަސްބިނަށް އަޅާލި’ ވާހަކަ އާއި އެކު ދެން ދުވަހަކުވެސް ގޯއްޗެއް ހޯދަން ފޯމެއް ނުފުރާނަމޭ ހިތަށް އެރިއެވެ.” މިއީ އައްޑޫ ސިޓީއިން ދިރިއުޅުމަށްޓަކައި ގޯއްޗެއް ހޯދަން މަސައްކަތްކުރަމުން ދިޔަ ގިނަ މީހުންގެ ވާހަކައެވެ.

ހުޅުމީދޫން ގޯތި ދޫކުރުމަށް ނިންމައި އައްޑޫ ސިޓީ ކައުންސިލުން އެކަން އިއުލާންކުރީ މިދިޔަ އަހަރު ޖުލައި 25 ވަނަ ދުވަހުގައެވެ. ހުޅުދޫ އަދި މީދޫ އިން 2000 އަކަ ފޫޓުގެ 50 ގޯތި ދޫކުރުމަށް ނިންމާފައިވާކަން ކައުންސިލުން އިއުލާންކުރުމާއެކު ކުރީގެ ތަޖުރިބާ މަތިން ހަނދާން ނައްތާލާ ގޯތި ބޭނުންވާ ކޮންމެ މީހަކުވެސް މުއްދަތު ހަމަވުމުގެ ކުރިން އަތުން ހަރަދުތަކެއްކޮށް، އެ ފޯމުތައް ހުށަހެޅީ ގޯއްޗެއް ބޭނުންވެފައިހުރި ވަރުންކަން ޔަގީނެވެ. އެހެންނަމަވެސް މި ފޯމުތައް ހުށަހަޅިތާ މިއަދަށް 07 މަހާއި 04 ދުވަސް ވެފައިވާއިރު އަދިވެސް މި ގޯތިތައް ދޫކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ. ގޯއްޗަށް އެދި ހުށަހެޅި ގިނަ މީހުން މިހާރު މި ގޯތިތައް މަތިން ހަނދާން ނައްތާލާފައިވާއިރު މި އަހަރުގެ ޖަނަވަރީ މަހު ތެރޭގައި ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލުންވަނީ ފެބްރުއަރީ މަސްތެރޭގައި ގޯތި ދޫކުރާނެ ކަން އިއުލާންކޮށްފައެވެ.

2020 ވަނަ އަހަރުގެ ކައުންސިލް ބަޖެޓަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ ކުރިއަށް އޮތް ފެބްރުއަރީ މަސްތެރޭ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ގޯތި ދޫކުރެވިގެންދާނެ ކަމަށެވެ. އަދި މިފަހަރު ދޫކުރާ ގޯތިތައް ދޫކޮށް ނިމުމާއެކު އަނެއްކާވެސް ގޯތި ދޫކުރުމަށް، އިއުލާންކުރެވިގެންދާނެ ކަމަށް ޝުކުރީ ވިދާޅުވިއެވެ.އަދި އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤް(ސޯބެ) ވިދާޅުވީ 2020 އަހަރުގެ ބަޖެޓް މަސައްކަތް ނިމުމާއެކު ގޯތި ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

އެހެންނަމަވެސް ފެބްރުއަރީ މަސް ނިމުނު އިރުވެސް މި ކަން އޮތީ ކުލަނުވި ހުވަފެނެއްގެ ގޮތުގައެވެ. މިހާރު މި ގޯތިތައް ދޫކުރާ ވާހަކަދައްކާ އަޑެއްވެސް ނީވެއެވެ. ރައްޔިތުންގެ އުއްމީދަކީ ކުރީ ފަހަރު ކަންތައްކުރި ގޮތަށް މިފަހަރުގެ ފޯމުތައް ‘ޑަސްބިނަށް’އަޅާނުލާ ވީ އެންމެ އަވަހަކަށް ގޯތި ދޫކުރުމެވެ. އިންތިހާބުތައް ބޯމަތިވި ކެމްޕެއިންތަކުގައި ‘ބިޒީ’ ވިނަމަވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ވީ އެންމެ އަވަހަށް ކޮށްދިނުމެވެ.