English Edition
Dhivehi Edition

ވިއެޓްނާމްގައި ކޮވިޑް-19 ޖެހުނު އެންމެން ބަލިން ފަސޭހަ ވެއްޖެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ވިއެޓްނާމުގައި ފަރުވާދެމުން ދިޔަ އެންމެން އެ ބަލިން ފަސޭހަވެފައިވާކަން އިއުލާން ކޮށްފައި ވަނީ އެ ޤައުމުގެ ހެލްތު މިނިސްޓަރެވެ. އޮންލައިން ކޮންފަރެސްއެއްގައި ރައްޔިތުންނާ ވާހަކަ ދައްކަވަމުން އޭނާ ބުނީ ބަލި ކޮންޓްރޯލް ކުރެވުނު ނަމަވެސް އަދިވެސް ހާލަތު ބަދަލު ވެދާނެ ކަމަށެވެ.

އެކި ޤައުމުތަކުން މިހާތަނަށް މި ބަލި ޖެހިގެން 3000 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު މިއަދާއި ހަމައަށް 83،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ވިއެޓްނާމުގައި ވައިރަސް ޖެހިފައި ވަނީ 16 މީހަކަށެވެ. އޭގެ ތެރެއިން އެންމެ ދުވަސްވީ މީހާގެ އުމުރަކީ 73 ކެވެ. އެ އެންމެން ބަލިން ފަސޭހަވުމާއި ގުޅިގެން އެމީހުން ވަނީ ހޮސްޕިޓަލް ތަކުން މިހާރު ދޫކޮށްލާފަ އެވެ.

ވިއެޓްނާމުގައި ފުރަތަމަ ކޮވިޑް-19 ފެތުރުނީ ޗައިނާގެ ދެ ފަތުރުވެރިއެއް އެ ޤައުމަށް ގޮސް އެމީހުން ގައިން ވައިރަސް ފެނުމާއި އެކުގައެވެ. އޭގެ ފަހުން އެ ޤައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވެ ސަރުކާރުން ވަނީ 10،600 އެއްހާ މީހުން 20 ދުވަސް ވަންދެން ކަރަންޓީން ވެސް ކޮށްފައެވެ.