ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާއިރު، ސިޔާސީ ފިކުރަށް ވުރެ ގައުމު އިސްކުރަންޖެހޭ ކަމަށާއި އިސްލާމްދީނާއި ގައުމިއްޔަތަށް އަދި މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމަށް އިސްކަންދޭންޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޕީޕީއެމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގެ ކާނިވާ ސަރަހައްދުގައި، އެތައް ހާސް ސަޕޯޓަރުންތަކަކާ އެކު ބޭއްވި ބިޔަ ޖަލްސާގައި އަދުރޭ ވިދާޅުވީ ސަރުކާރުން މިވަނީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު “ފުނޑާލައިފަ” އި ކަމަށާއި ރާއްޖޭގައި އިޖުތިމާއީ އަދާލަތެއް ނެތް ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމުގެ މައްޗަށް އަޅުވެތިކަން ދަނީ ވަރުގަދަވަމުންކަމަށް އަދުރޭ ވިދާޅުވިއެވެ.
“މި ހުރިހާ ކަމަކަށް ވުރެ ބިރުބޮޑު އަނެއް ކަމަކީ އަޅުގަނޑުމެންގެ މި ގައުމުގައި މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް ޖާގަ ހޯދައިދިނުމުގެ މަސައްކަތްތަކެއް ތިލަވަމުން އަންނަ ތަން އަޅުގަނޑުމެންނަށް މިއަދު ލޯ އަޅައި ބަލައިލީމާ އެބަފެނޭ. ދިވެހިރާއްޖެ އަށް ބޭރުގެ ދީނީ އިލްމުވެރިން ގެނައުމަށް ހުރަސްއަޅަމުން ދާއިރު، ލާދީނީ މީހުން ރާއްޖެ އައިސް އިސްލާމްދީނާ ބީރައްޓެހި ފިކުރު އާންމުކުރުމުގެ ވޯކްޝޮޕްތަކާއި ސެމިނާތައް ހިންގުމަށް ޖާގަ ފަހިވެގެން އެބަދޭ،” އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ “މީ މަގޭ ރާއްޖެ” ޖަލްސާގާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަސްކޮށްދެއްވި ފިލާވަޅުތަކާއި އިރުޝާދުތަކުގެ މަތީގައި ސާބިތުކަމާ އެކު ޕީޕީއެމް އޮތް ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމް ދީނާއި ގައުމަށްޓަކާ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ކަންތައްތައް ޖަލްސާއަށް ބަލާލުމުން އެނގިގެން ދާ ކަމަށާއި ރައްޖޭގެ ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނަށްޓަކައި އޮތް ލޯބި ފެނިވަޑައިގަންނަވާ ކަމަށެވެ.
އަދި މި ގައުމު، މިނިވަންކަން މަތީ ބޭއްވުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށްވެސް ޕީޕީއެމް ތައްޔާރަށް އޮތްކަމަށާއި އިސްލާމް ދީނާ ހިލާފް އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް އަދުރޭގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޖަލަށްލައި، އިދިކޮޅު ވަރަށް ބޮޑަށް ހީނަރުވެފައިވާ މި ދަނޑިވަޅުގައި ރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާ އަށް އެތައް ހާސް ބަޔަކު ގޮސް ގޮނޑިތައް ފުރައިލުމުން ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ.