ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން ލޯންޗްކުރާ ޖަލްސާ މިރޭ ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން “މިއީ މަގޭ ރާއްޖެ”ގެ ނަމުގައި ބާއްވާ އެ ޖަލްސާ އޮންނާނީ މިރޭ 20:30 ގައި އަލިމަސް ކާނިވާ ސަރަޙައްދުގަ އެވެ. އެ ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެދިފަ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން މިރޭ ކުރެއްވި ޓްވީޓެއް ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމް ކޯލިޝަނުން ނިކުންނާނީ ޤައުމީ ރޫހުގައި، ހުރިހާ ދިވެހި ރައްޔިތުން ތަމްސީލް ކުރުމަށް ކަމަށެވެ.
Local Council inthikhaabah PPM coalition in nukunnanee gaumee roohuga, hurihaa dhivehi rayyithun thamseel kuran. Mirey 20:30 ga Carnival sarahadhu gai onna jalsa ah hurihaa party egge, hurihaa fikuregge dhivehi rayyithunnah ikhlaastheri kamai eku dhauvath aruvan. #MeeMageyRaajje
— Mohamed Ghassan Maumoon (@mgmaumoon) February 28, 2020
އަދި މިރޭ ކާނިވާ ސަރަޙައްދުގައި އޮންނަ ޖަލްސާ އަށް ހުރިހާ ޕާޓީތަކެއްގެ، ހުރިހާ ފިކުރެއްގެ ދިވެހި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ދަޢުވަތު އަރުވާ ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމް އިން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވާއިރު، ބޮޑު ދެ ސިޓީގެ މޭޔަރު ކަމަށްވެސް ޕީޕީއެމް އިން ވާދަކުރެއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ، ޑރ. މުޙައްމަދު މުއިއްޒު ވާދަކުރައްވާއިރު، އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ލަޠީފް އެވެ.
ކައުންސިލް އިންތިޚާބުގެ ޕީޕީއެމް ޕްރައިމަރީ މި ހިނގާ ފެބުރުވަރީ މަހުގެ ހަތްވަނަ ދުވަހު ވަނީ ބާއްވައިފަ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 33% އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ޖުމްލަ 980 ކައުންސިލަރުން އިންތިޚާބު ކުރެވިގެންދާނެ އެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު އެވެ.