ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އަހަރީ ޢާންމު ޖަލްސާ މިރޭ ބާއްވަން ނިންމައިފި އެވެ.
ބާ ކައުންސިލުން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ކައުންސިލުގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މިރޭ 8:00 ގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލުގައި ކަމަށެވެ. ބާ ކައުންސިލުން ވަނީ އެ ޖަލްސާގެ އެޖެންޑާވެސް އާންމުކޮށްފަ އެވެ.
Agenda of @MvBarCouncil’s First Annual General Meeting.#BCMAGM2020 pic.twitter.com/eNFlDGoD8W
— Bar Council of the Maldives (@MvBarCouncil) February 27, 2020
އެ ޖަލްސާގެ އެޖެންޑާގައި ބާ ކައުންސިލުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ބާ ކައުންސިލުގެ ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ރިޕޯޓު ފާސްކުރުމާއި އަދި ބާ ކައުންސިލުގެ މެންބަރުން ޚިޔާލު ފާޅުކުރެއްވުންވެސް ހިމެނެއެވެ.
ބާ ކައުންސިލުން ވަނީ ލައިސަންސް ލިބިފައިވާ ހުރިހާ ޤާނޫނީ ވަކީލުންނަށް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވައިފަ އެވެ.
މީގެ އިތުރުން ބާ ކައުންސިލުން ވަނީ އެ ކައުންސިލުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބު އާންމުކޮށް ގެޒެޓްކޮށްފަ އެވެ.
މިދިޔަ އަހަރު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން “ދިވެހިރާއްޖޭގެ ބާ ކައުންސިލު” އުފައްދާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ. އެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ބާ ކައުންސިލުގެ އަހަރީ ޢާންމު ޖަލްސާ އަހަރަކު އެއްފަހަރު ބާއްވަން ޖެހެއެވެ. އެހެންކަމުން މިއީ އެ ކައުންސިލު އުފެދުނު ފަހުން ބާއްވާ އެފަދަ ފުރަތަމަ ޖަލްސާއެވެ.